މަނީ ލޯންޑަރިންނާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުން، އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ބޭންކު ކަމަށްވާ ބޭންކް އޮފް އެމެރިކާ 1.21 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ޖޫރިމަނާކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު އިއުލާންކުރި މި ޖޫރިމަނާއަކީ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުގެ ތާރީހުގައި ވެސް ކުރި ތިންވަނައަށް އެންމެ ބޮޑު ޖޫރިމަނާއެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފަދަ ބޮޑު ބޭންކަކުން މަނީ ލޯންޑަރިން ހުއްޓުވުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރުމުގައި ފޭލުވުމުން، އޭގެ ނޭދެވޭ އަސަރު މުޅި އެމެރިކާގެ މާލީ ނިޒާމަށް ކުރެއެވެ. އަދި މިއީ ގާނޫނަށް ވުރެ މަތީގައި އެއްވެސް މާލީ އިދާރާއަކަށް ނޯވެވޭނެކަން އަންގައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކް (ފިންސެން) އިން ވަނީ 1.2 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައަޅާފައެވެ. މި ޖޫރިމަނާ ކޮށްފައިވަނީ ޗައިނާގެ މަނީ ލޯންޑަރިން ނެޓްވޯކްތަކާއި އެމެރިކާގެ ހުޅަނގު ދެކުނު ބޯޑަރުގައި ހިނގާ ގާނޫނާ ހިލާފު މާލީ މުއާމަލާތްތައް ފަދަ ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި ނުރައްކާތައް ދެނެގަނެ ރިޕޯޓުކުރުމުގައި ބޭންކުން އިހުމާލުވެފައިވާތީއެވެ.

ފިންސެންއިން ފާހަގަކުރި ގޮތުގައި، ޝައްކުކުރެވޭ މުއާމަލާތްތައް ދެނެގަތުމާއި ކަސްޓަމަރުންގެ މައުލޫމާތު ކަށަވަރުކުރުމުގެ ނިޒާމުގައި ބޭންކް އޮފް އެމެރިކާގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދި ބޭންކުން އަމިއްލައަށް ކުރަންޖެހޭ މި މަސައްކަތްތަކުގެ ބޮޑު ބައެއް އެހެން ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، 5 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ޝައްކުކުރެވޭ މުއާމަލާތްތައް އެކަށީގެންވާ ވަގުތުގައި ފިންސެންއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ޓްރެޝަރީން ބުނެފައިވެއެވެ.

މި މައްސަލައިގައި އޮފީސް އޮފް ދަ ކޮމްޕްޓްރޯލަރ އޮފް ދަ ކަރަންސީ (އޯސީސީ) އިން ވަނީ 750 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައެވެ. މިއީ އެ އިދާރާގެ ތާރީހުގައި ވެސް ކުރި އެންމެ ބޮޑު ޖޫރިމަނާއެވެ. ފިންސެންގެ 1.2 ބިލިއަން ޑޮލަރުގެ ޖޫރިމަނާގެ ތެރޭގައި އޯސީސީގެ މި އަދަދު ހިމެނެއެވެ. މީގެ އިތުރުން، އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް) އިން ވަނީ އީރާނާއި ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، މަސްތުވާތަކެއްޗާއި ޓެރަރިޒަމާ ގުޅޭ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބެލެވޭ މައްސަލަތަކެއްގައި 11.6 މިލިއަން ޑޮލަރު ދެއްކުމަށް ބޭންކާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

ބޭންކް އޮފް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބެލެވޭ 475 މައްސަލައެއް ހައްލުކުރުމަށް އެއްބަސްވެފައެވެ. މިކަމާ ގުޅިގެން ބޭންކް އޮފް އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލީ ކުށްތައް ހުއްޓުވުމަކީ ސީރިއަސް ކަމެއް ކަމަށާއި އެކަން ރަނގަޅަށް ކުރުމަކީ އެ ބޭންކުގެ ޒިންމާއެއް ކަމަށެވެ. އަދި މާލީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޓެކްނޮލޮޖީއަށް ބިލިއަނުން އިންވެސްޓުކޮށް، އެތައް ހާސް މުވައްޒަފުންނެއް ކަނޑައަޅާފައިވާނެ ކަމަށާއި، ރެގިއުލޭޓަރުން ފާހަގަކުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.