ލުއިފަސޭހަ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމުގެ އިތުރުން، ހަކަތައިގެ އުމްރާނީ ތަރައްޤީއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި ހަލުވިކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑާސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިންގް ދަ ފިއުޗާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ސާފު ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިގްތިސާދު ހިމާޔަތްކުރުމަށްވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ބޭރުން އެތެރެކުރާ ތެލަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް އަމާޒު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ވަނަ އަހަރު ކަނޑައަޅާފައިވާ އަމާޒަށް އަލިއަޅުއްވާލައްވަމުން، އެ އަމާޒު ހާސިލުކުރުމަށާއި ރަށްރަށުގައި މި ނިޒާމު ފުޅާކުރުމަށްޓަކައި އެނަރޖީ ސްޓޯރޭޖް ސިސްޓަމްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން ރަށްތައް އެކަހެރިކޮށް ހުރުމަކީ ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ ޚަރަދު ބޮޑުތަން އިތުރުވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ހަރަދުކުޑަ ނިޒާމަކަށް ބަދަލުވުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް އެނާޖީ ރޯޑްމެޕް 2024–2033" އިފްތިތާހްކޮށްފައިވާކަންވެސް ހާމަކުރައްވާފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ހަކަތައިގެ ނިޒާމު ބަދަލުކުރުމުގެ ކާމިޔާބީ ބިނާވެފައިވަނީ ވެވޭ ވައުދުތައް އަމަލީ މަސައްކަތަށް ބަދަލުކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި ސާފު ހަކަތައިގެ މުސްތަގުބަލެއް ބިނާކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
