އިސްލާމްދީނުގައި އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، ކޮންމެ މީހެއްގެވެސް އަމިއްލަ ނަފްސުގެ އިއްޒަތާއި އަބުރު ހިމާޔަތްކުރުމަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ވިދާޅުވެ، އަބުރު ރައްކާތެރިކުރުމުގެ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވި ތިންވަނަ ބިލެއްގެ ގޮތުގައި މި ބިލު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މެދުވެރިކޮށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޝަރީއަތުގައި ގިސާސާއި، މުދަލާއި، ލެޔެކޭ އެއްފަދައިން އަބުރުގެ ހުރުމަތްތެރިކަން ވަރަށް ބޮޑަށް ބަޔާންކުރައްވާފައިވެއެވެ. އަދި ހަގީގީ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށް ކީރިތި ރަސޫލާގެ ހަދީސްފުޅުގައި ވާކަން ހަނދާންކޮށްދެއްވިއެވެ. ދުލުން ބުނެލާ ބަހަކުން މީހުންގެ އަބުރު ކަތިލުމަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫން ކަމަށާއި، އޭގެ ސަބަބުން އާއިލާތަކާއި، މުއައްސަސާތަކުގެ އިތުރުން މުޅި ގައުމުގެ އަގުވެސް ވެއްޓިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިފަދަ ނާތަހުޒީބު އަމަލުތައް ހިނގައިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބިލަކީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު އަމަލީގޮތުން ތަންފީޒުކުރުމަށްޓަކައި ހުށަހެޅުނު ބިލެކެވެ. ބިލުގެ މައިގަނޑު އަސާސަކީ އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ އަމަލެއްގެ ސަބަބުން އަބުރަށް އަރައިގަނެވޭ ފަރާތްތަކަށް މަދަނީ މިންގަނޑުތަކުން ހައްގު އަދަބާއި ބަދަލު ހޯދައިދިނުމެވެ. އަދި ވަކި އަމަލަކީ އަބުރާ ބެހުމުގެ އަމަލެއް ކަމަށް ބަލާނެ ސާފު މިންގަނޑުތައް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
އަބުރާ ބެހުމުގެ އަމަލުތައް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ވަކި ފަރާތަކާ މެދު ގަސްތުގައި ނުވަތަ ފަރުވާކުޑަކަމާއެކު ދޮގު ބަހެއް ބުނުމާއި، ދޮގު މައުލޫމާތެއް ދިނުމަކީ ކުށެއް ކަމަށެވެ. އެގޮތުން ދައްކާ ވާހަކައަކުން، ލިޔާ ލިޔުމަކުން، ކުރަހާ ކުރެހުމަކުން، ފޮޓޯއަކުން ނުވަތަ ތަސްވީރަކުން ވިޔަސް، އަދި ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓްގެ ވަސީލަތްތައް މެދުވެރިކޮށް ނަމަވެސް މީހެއްގެ އަގު ވެއްޓޭ ގޮތަށް ދޮގު ފަތުރައިފިނަމަ، އެއީ އަބުރަށް އަރައިގަތުން ކަމުގައި މި ބިލުން ކަނޑައެޅިގެންދާނެއެވެ. އަދި މުޖުތަމައުގައި އެމީހަކާ މެދު ނަފްރަތު އުފެދޭ ގޮތަށް ހިންގާ މިފަދަ ހުރިހާ އަމަލުތަކަކަށް މި ބިލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބިލުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި، ފަރުދުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ގާއިމުކުރުމެވެ. މީގެއިތުރުން އަބުރާ ބެހެވުނު ފަރާތަކަށް އެކަމުގެ ހަގީގަތް ހާމަކުރުމާއި، ރައްދު ދިނުމާއި، މައުލޫމާތު އިސްލާހުކޮށްދިނުމުގެ ހައްގު ލިބިދިނުމާއެކު، ކުށްކުރި ފަރާތުން މައާފަށް އެދުމުގެ އުސޫލުތައްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތްތައްވެސް މި ގާނޫނުގެ ދަށުން ވަރަށް ތަފްސީލުކޮށް އެކަށައަޅާފައިވާނެއެވެ.
