ކ. ބޮލިދުއްފަރުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް، މުސާރައާއި ޑޮލަރުގެ މައްސަލައިގައި އިހުތިޖާޖުކޮށް ގާނޫނާ ހިލާފުވި 21 ބިދޭސީއަކު ރާއްޖެއިން ފޮނުވާލައިފި އެވެ.
މި މައްސަލަ ފެންމަތިވީ، އެ މީހުންނަށް ދޭންޖެހޭ މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އާއިލާތަކަށް ފޮނުވަން ބޭނުންވާ ޑޮލަރު ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް ހުރި ކަމަށް ބުނެ އެ ރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނުކުމެ ކުރި މުޒާހަރާއާ ގުޅިގެންނެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން، ގާނޫނީ އަމުރަށް ބޯނޭޅި މައްސަލައިގައި އިމިގްރޭޝަނާ ހަވާލުކުރީ މިދިޔަ މަހުގެ 30 ގައެވެ. އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގާނޫނީ އިމުގެ ތެރެއިން އެ މީހުންނަށް އެޅުނު އެންމެ ހަރުކަށި ފިޔަވަޅަކީ އަނބުރާ ގައުމަށް ފޮނުވާލުމެވެ. އެގޮތުން އެ މީހުން އިމިގްރޭޝަނާ ހަވާލުކުރި ދުވަހުން ފެށިގެން އެކި މަރުހަލާތަކަށް ބަހާލައިގެން، އެ 21 މީހުން ވެސް މިހާރު ވަނީ އެއްކޮށް ޑީޕޯޓުކޮށް ނިންމައިފަ އެވެ.
ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސްއިން ބޮލިދުއްފަރު ފަޅު ތެރެއިން 34 ހެކްޓަރުގެ ބިން ހިއްކައިގެން ހަދަމުން އަންނަ ލަގްޒަރީ ރިސޯޓުގެ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އައިމާ ކޮންސްޓްރަކްޝަނުންނެވެ.
