ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް މިއަދު އެކުލަވާލައްވައިފިއެވެ.

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މިފަދަ މަޖިލީހެއް އެކުލަވާލާފައި ވަނީ ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމާއި ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިއުމުގެ އިތުރުން ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމުގެ މަގްސަދުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު އުފެއްދެވި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  1. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން، މއ.އާނުވެލި
  2. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް، މ.ސިލްވާކްލައުޑް
  3. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދުއްރަޝީދު ހުސައިން، މއ.އުރަހަ
  4. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު، މ.ލޮނުވެލި
  5. ނިޝާން އަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލް، ހ.ރާޅާހާ
  6. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ލަތީފު، މއ.ކިނބި
  7. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ހ.މީރުބަހުރުގޭއާގެ
  8. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ، މ.މަޚްމާވިލާ
  9. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހްމަދު ނަސީމް، ހ.ހިކިފިނިފެންމާގެ
  10. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު، މއ.ވިލުވެލި
  11. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަޙްމާނު، އަލިމަސްގެ، ހއ.އުތީމު
  12. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަހްމަދު ޝާކިރު، މއ.ކަށިމާ

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި، ގައުމީ ލަފާދޭ މަޖިލީހެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރައީސް އޭރު ވިދާޅުވި ގޮތުގައި އެކުލަވާލާ ހާއްސަ މަޝްވަރާ މަޖިލީހުގައި ހިމެނޭނީ ދައުލަތުގެ އިއްޒަތާއި ޝަރަފު އަރުވާފައިވާ، ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންނެވެ. އަދި ގައުމީ ލަފާދޭ މަޖިލީހުގައި ހިމެނޭނީ ސިއްހީ، ތައުލީމީ، އިގްތިސާދީ، އިޖުތިމާއީ އަދި ހާރިޖީ ދާއިރާ ފަދަ ތަފާތު އެކި ފަންނުތަކުގެ އެންމެ މަތީ ތައުލީމާއި ތަޖުރިބާ ހުރި 100 އާއި 150 ދެމެދުގެ އަދަދެއްގެ ތަޖުރިބާކާރުން ކަމަށް ރައީސް އޭރު ވިދާޅުވެފައި ވެއެވެ.