ނޮވެމްބަރު މަހުގެ 11 އަދި 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް ސަމިޓް) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ތުރުކީވިލާތަށް ފުރާވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި، ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައާއި ގައުމީ ފެންވަރުގައިވެސް ތިމާވެށީގެ ކަންކަމުގައި އަބަދުވެސް އިސް ދައުރެއް އަދާކުރަމުން އަންނަ ޒިންމާދާރު ގައުމެއް ކަމަށެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ފުއްދުމަށާއި، ގައުމީ ފެންވަރުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފަދަ މުހިންމު ޓާގެޓްތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ ގޮނޑުދޮށްތައް ގިރުމާއި ތިމާވެއްޓަށް ކުރިމަތިވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އަޑުއުފުއްލަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ތަމްސީލުކުރާ ބްލޮކެއްގެ ތެރެއިން އެކުގައި ވަކާލާތު ކުރުމަކީ މުހިންމު ކަމެކެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި މުއާހަދާތައް ފުރިހަމައަށް ތަންފީޒުވަމުންދާ ވަރަކަށް ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމަށާއި، މި ދަތުރުފުޅަކީ އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
