ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގެރެންޓީ ދީގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކުރި ފެސިލިޓީއަކަށް ދައްކަންޖެހޭ 281,000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް، ޝަމްހީދާއި އިތުރު ފަރާތްތަކެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މީހުންގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމަކީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް އެމްއައިބީން ދޫކުރި 500,000 ޑޮލަރު (ފަސް ލައްކަ އެމެރިކާ ޑޮލަރު)ގެ "ސޭލް އެންޑް ލީސްބެކް ފައިނޭންސިންގް ފެސިލިޓީ"އަކަށް އެއްބަސްވި ގޮތަށް ފައިސާ ދައްކަމުން ނުދާތީ، އެ ބޭންކުން ހުށަހެޅި މައްސަލައެއްގައި ކޮށްފައިވާ ހުކުމެކެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ޑުޕްލެކްސް ކުންފުނީގެ އިތުރުން ގެރެންޓީ ދިން ފަސް ފަރާތެއްގެ މައްޗަށެވެ. އޭގެ ތެރޭގައި މާލެ، ގޯތި ނަންބަރު 11088 (ވާރެގެ)، ޑރ. އަހުމަދު ޝަމްހީދާއި އިތުރު 4 މީހަކު ހިމެނެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފެސިލިޓީގެ ބާކީގެ ގޮތުގައި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 244,826.52 ޑޮލަރު އަދި ޗެރިޓީގެ ގޮތުގައި އަރާފައިވާ 36,647.76 ޑޮލަރާއެކު ޖުމްލަ 281,474.28 ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ދިވެހި ރުފިޔާ) ދައްކަންޖެހެއެވެ. މީގެ އިތުރުން ފެސިލިޓީއަށް މަހުން މަހަށް އަރަމުންދާ ރެންޓަލް ފައިސާއާއި ޗެރިޓީ ފައިސާ، ހުކުމްކުރި ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެމްއައިބީ އަށް ދައްކައި ނިންމުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދު ކަމަށްވާ "ޑުޕްލެކްސް ކްރޫޒް" އަކީ ފެސިލިޓީއާ ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ ލިބޭނެކަމުގެ ޔަގީންކަމެއްގެ ގޮތުގައި ކޮށްފައިވާ ރަހުނެއް ކަމަށާއި، ބޭންކަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރެވެންދެން ރަހުނު އެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ބާތިލުނުވެ ދެމިއޮންނާނެ ކަމަށް ވެސް ގާޒީ ފައސަލް އާދަމް ކުރެއްވި ހުކުމުގައި ކަނޑައަޅުއްވާފައިވެއެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައި ހުކުމްކުރީ، ދައުވާ ފޯމާއި ލިޔެކިޔުންތައް އެ ފަރާތްތަކަށް ރައްދުކޮށްފައިވީ ނަމަވެސް، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ދަޢުވާއަށް އެއްވެސް ޖަވާބެއް ނުވަތަ ދިފާޢެއް ހުށަހަޅާފައި ނުވާތީއެވެ. ދައުވާލިބޭ ފަރާތްތަކުގެ ވަކީލެއްގެ ގޮތުގައި މީހަކު ސޮއިކޮށް ދައުވާއަށް އެއްބަސްވާ ފޯމެއް ހުށަހެޅި ނަމަވެސް، ވަކީލުކަމުގެ ބާރުވެރިކަން ލިބިދީފައިވާ ލިޔުން ހުށަހަޅަން ތަކުރާރުކޮށް އެންގުމުން ވެސް އެ ލިޔުންތައް ހުށަހަޅާފައި ނުވާތީ ކޯޓުން އެ ފޯމު ބަލައިގެންފައެއް ނުވެއެވެ.

ޝަމްހީދުގެ މައްޗަށް މިފަދަ ހުކުމެއް އިއްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނިކޮށެވެ. މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ ހުކުމާ އެއް ގޮތަށް ސާބިތު ދަރަންޏެއް ނުދެއްކި އޮތް މައްސަލާގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރަކަށް ހުންނެވި އަހުމަދު ސިނާންގެ ގޮނޑި ގެއްލިފައެވެ. އެފަހަރުވެސް ގޮނޑި ގެއްލިފައި ވަނީ މުހައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުންނެވެ.