ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "ދިވެހީންގެ ރިސޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)" ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސްއޮފީހުން ބުނީ މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ އެ ސިނާޢަތުން ލިބޭ އިގުތިސާދީ މަންފާތައް އެއްވެސް ތަފާތުކުރުމެއްނެތި ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމެއް ހަމަޖެއްސުންކަމަށެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި، ފަޅުރަށްތަކާއި، ގުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްގީކޮށް ހިންގުމާއެކު، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭކަަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި ގައުމީ އިގުތިސާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ހަރުދަނާ އަދި ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަކީވެސް މި ކުންފުނީގެ އަމާޒެއްކަަމަށް ވަނީ ބުނެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް މުއިއްޒު ވަނީ ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ކުރާނެ ހާއްސަ ނިޒާމެއް އިއުލާންކުރައްވާފައެވެ.
އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ހަމަޖެއްސެވުމަށް ޓަކައި ގާނޫނަކުން އެކަން ކަނޑައަޅުއްވާނެ ކަމަށެވެ.
