އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 31.566 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 08 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.0 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 30.635 ބިލިއަން ރުފިޔާއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ އާމްދަނީ ރަނގަޅުވުމެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3 ޕަސެންޓް އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 2.331 ބިލިއަން ރުފިޔާއެވެ. އަދި ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.7 ޕަސެންޓް އިތުރުވެ، 4.375 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.4 ޕަސެންޓް އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މީގެއިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 ޕަސެންޓް އިތުރުވެ 5.798 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.542 ބިލިއަން ރުފިޔާ (9.2 ޕަސެންޓްގެ ކުރިއެރުމެއް) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ (9.1 ޕަސެންޓްގެ ކުރިއެރުމެއް) ވަނީ ލިބިފައެވެ. އަދި މުދަލުން ލިބުނު އާމްދަނީ 1.954 ބިލިއަން ރުފިޔާއަށް އަރައި 12.3 ޕަސެންޓް އިތުރުވި އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 ޕަސެންޓް އިތުރުވެ، 0.515 ބިލިއަން ރުފިޔާ ލިބިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ. 08 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 18.3 ޕަސެންޓް އިތުރުވެ، 35.984 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނޭ 31.053 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 4.931 ބިލިއަން ރުފިޔާ ހިމެނެއެވެ.
ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ހަރަދު 7.4 ޕަސެންޓް އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ހަރަދު (ބިމާއި އިމާރާތް ނުހިމަނައި) 8.6 ޕަސެންޓް އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ހޭދަ 16.0 ޕަސެންޓް އިތުރުވެ، 4.312 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ހަމައެއާއެކު، މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 ޕަސެންޓް އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު ވަނީ 43.7 ޕަސެންޓް އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް އެކަނިވެސް 4.265 ބިލިއަން ރުފިޔާ (71.8 ޕަސެންޓްގެ އިތުރުވުމެއް) ހޭދަވެފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވަނީ 23.6 ޕަސެންޓް އިތުރުވެ 1.910 ބިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ގޮތުގައި ކުރި ހަރަދު ވަނީ 5.2 ޕަސެންޓް ދަށްވެ، 3.801 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.
ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާމްދަނީއަށް ވުރެ ހަރަދުތައް އިތުރުވުމުގެ ސަބަބުން މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ވަނީ 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ރެކޯޑް ކުރެވިފައެވެ.
