ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ހިސާން ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.
ހިސާން އެ މަގާމުން ވަކިކޮށްފައިވާކަން 'ދަ ޕްރެސް' އަށް ކަށަވަރުވެފައި ވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް އަދި މިހާތަނަށް ސާފުވާ ގޮތެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ވެސް މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ހިސާން ހަސަނަކީ ރާއްޖޭގެ ކާރިސާތަކާ ބެހޭ ކަންކަން ބަލަހައްޓާ މައި އިދާރާ، ކުރީގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އުފެދުނީއްސުރެ އެ އިދާރާގެ އެންމެ އިސް ސަފުގައި ހީވާގިކަމާއެކު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާގައި ޖުމްލަ 22 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.
އުމުރުން އެންމެ 16 އަހަރުގައި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ހިސާން ވަނީ އެމްއެންޑީއެފްގައި ހުންނަވައިގެން އެއާ ޓްރެފިކް އަދި ރާޑަރު ޓްރެއިނިންގް ކޯސްތައް ފުރިހަމަކުރައްވާފައެވެ. ނަމަވެސް، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގެ ރެސްޕޮންސް ޓީމުގައި ސިފައިންގެ ފަރާތުން މަސައްކަތް ކުރެއްވުމަށްފަހު، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއަށް ހިތްޕުޅު ޖެހިވަޑައިގެން އޭނާ ވަނީ ސިފައިންގެ ވަޒީފާ ދޫކޮށްލައްވާފައެވެ.
އެއަށްފަހު، 2011 ވަނަ އަހަރު އެންޑީއެމްސީ މަދަނީ އިދާރާއަކަށް ބަދަލުކޮށް، އަދި 2015 ވަނަ އަހަރު އެ އިދާރާއަށް ގާނޫނީ ބާރު ދިން އިރުވެސް ހިސާން ހުންނެވީ އެ އިދާރާގެ އެންމެ އިސް މަސައްކަތްތަކުގައެވެ. އަދި އެ އިދާރާ މިހާރު އޮތް ގޮތަށް އޮތޯރިޓީއަކަށް (އެންޑީއެމްއޭ) ބަދަލުކުރުމާ ގުޅިގެން، އެތަނުގެ ސީއީއޯގެ މަގާމަށް އޭނާ އައްޔަންކުރެވުނީ 2018 ވަނަ އަހަރުގައެވެ.
އެންޑީއެމްއޭގެ އިތުރުން ހިސާން އަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރެއްވެސް މެއެވެ. އޭނާ ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކާރިސާތަކުން ރައްކާތެރިވުމަށާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ހިންގުނު ގިނަ މަޝްރޫއުތަކެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
