ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ސައިކަލު ދުއްވި މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ، އިރުމަތީގެ، އުމުރުން 27 އަހަރުގެ މުހައްމަދު ސައިފް އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މުހައްމަދު ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކުގެ އިތުރުން، އުޅަނދު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމުގެ ކުށުގެ ރެކޯޑުވެސް އޭނާގެ މައްޗަށް އެބައޮތެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ދަންވަރު 2:55 ހާއިރު ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި ނުރައްކާތެރި ހާދިސާގައި ދެ ސައިކަލުގައި ތިބި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.