ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ސީއޭއޭ2' (Caa2) އިން 'ސީއޭ.އޭ1' (Caa1) އަށް މަތިކޮށް، ރޭޓިންގގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފިއެވެ.

މޫޑީސް އިން މިއަދު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ރޭޓިން މަތިކުރަން ނިންމި މައިގަނޑު ސަބަބަކީ ކުރުމުއްދަތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ފެންނާތީއެވެ.

އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އިންވެސްޓްކުރި 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ދައްކައި، އެޕްރީލް 2026 ގައި މުއްދަތު ހަމަވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރެވިފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރޭޓިން ރަނގަޅުވުމަށް މަގުފަހިވި އިތުރު ކަންކަމުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ އިތުރުވުމާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކުން ލިބޭ އެއްބާރުލުން ހިމެނެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދާފައެވެ.

މި އަހަރު ދަރަނި އަނބުރާ ދެއްކުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، 2025 ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ދަރަނި ހުރި މިންވަރަށްވުރެވެސް ދަށް އަދަދެކެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ބުރޫނާރާނެހެން އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވާއިރު ސަރުކާރުގެ މެދު ރާސްތާގެ މައިގަނޑު އަމާޒަކީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމާއެކު ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުން ކަމަށް ބަޔާނުގައިވެއެވެ.