ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށާއި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 1.8 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ އެއްވަން ދުަވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަދި ހިލޭ އެހީގެ އަދަދު ވަނީ 30.88 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ޕަސެންޓްގެ އިތުރުވުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 ޕަސެންޓް މައްޗަށް ދިޔުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.53 ބިލިއަން ރުފިޔާއިން 23.84 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. އެއީ 8.06 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 ޕަސެންޓް އިތުރުވެ، 1.53 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އާމްދަނީ ލިބޭ އެހެނިހެން މައިގަނޑު ދާއިރާތަކުން ވެސް ރަނގަޅު ކުރިއެރުމެއް ވަނީ ފެނިފައެވެ. އެގޮތުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.2 އިންސައްތަ އިތުރުވެ 5.78 ބިލިއަން ރުފިޔާއަށް، އިމްޕޯޓް ޑިއުޓީ 11.4 ޕަސެންޓް އިތުރުވެ 2.51 ބިލިއަން ރުފިޔާއަށް އަދި އާންމު ޖީއެސްޓީ 2.8 އިންސައްތަ އިތުރުވެ 4.13 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.55 ބިލިއަން ރުފިޔާ (8.1 ޕަސެންޓްގެ އިތުރުވުމެއް) އަދި މުދަލުން ލިބުނު އާމްދަނީ 1.948 ބިލިއަން ރުފިޔާ (13.5 ޕަސެންޓްގެ އިތުރުވުމެއް) ވަނީ ލިބިފައެވެ. މީގެ އިތުރުން ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 ޕަސެންޓް އިތުރުވެ 0.513 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ޖުމްލަ ހަރަދު ވަނީ 18.2 އިންސައްތަ އިތުރުވެ 35.456 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ހިންގުމުގެ ހަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) 18.5 ޕަސެންޓް އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 5.555 ބިލިއަން ރުފިޔާ (14.1 ޕަސެންޓްގެ އިތުރުވުމެއް) އަދި ސަބްސިޑީތަކަށް 4.203 ބިލިއަން ރުފިޔާ (75.1 ޕަސެންޓްގެ އިތުރުވުމެއް) ވަނީ ހޭދަކޮށްފައެވެ. އަދި އާސަންދައިގެ ހަރަދު ވެސް 25.1 ޕަސެންޓް އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވެސް ވަނީ 15.9 ޕަސެންޓް އިތުރުވެ 4.804 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށާއި، ފާލަމާއި ބަނދަރު ހެދުން ފަދަ އުމްރާނީ ތަރައްގީގެ މުހިންމު ވަސީލަތްތައް ގާއިމުކުރުމަށެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 1.453 ބިލިއަން ރުފިޔާ އަދި ބަނދަރު ހެދުމަށް 0.333 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
