ދިވެހިރާއްޖޭގެ ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ސޫތުކުޅީގެ 25 މަސްވެރިންނާއި އެމީހުންގެ 3 މަސްދޯނި ރައްކާތެރިކަމާއެކު ދޫކޮށްލުމަށް އެދި އަވަސް ފިޔަވަޅުތަކެއް އެޅައިދިނުމަށް އެ މީހުންގެ އާއިލާތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލައިފިއެވެ.

ރާއްޖޭގެ ކޯސްޓް ގާޑުން 25 މަސްވެރިންނާއި އެމީހުންގެ 3 ދޯނި ހައްޔަރުކުރީ ކަނޑުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައެވެ. އެމްއެންޑީއެފް އިން ރޭ ވަނީ ތިން ބޯޓެއް ހިފެހެއްޓިކަން ޔާގީންކޮށްދީފައެވެ. އެހެންނަމަވެސް އެ ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަދައްކަމުން މަސްވެރިކަމުގައި ހަރަކާތްތެރިވާ އަދި ހައްޔަރުކޮށްފައިވާ މީހެއްގެ ކޮއްކޮ އެއް ކަމުގައިވާ ސުދަރްޝަން ބުނީ އެ ސަރަހައްދުގެ މީހުން އާންމު ގޮތެއްގައި މަސްވެރިކަން ކުރަނީ ކަނޑަށް ނުކުމެ ގިލްނެޓް ބޭނުންކޮށްގެންކަމަށެވެ. އަދި އޮކްޓޯބަރު 1 ވަނަ ދުވަހު، ކަންނެލި ހިފުމަށްޓަކައި 25 މަސްވެރިން ތިން އިންޖީނު ދޯނީގައި ފުންކަނޑަށް ނުކުތީ އެއްވެސް ގޯސް ނިޔަތެއްގައި ނޫންކަމަށް އޭނާ ވަނީ ބުނެފަައެވެ. އަދި އެ ދޯނިތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ޖެހުނު ބާރުގަދަ ވޔާއެކު ކަނޑުގެ އޮއިވަރުގެ ސަބަބުންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ކުޑައިރުއްސުރެ މަސްވެރިކަން ކުރަމުން އަންނަނީ. އަދި މި މަސްވެރިކަމުން ލިބޭ އެއްޗަކުން އާއިލާތައް ބަލަހައްޓަން ވަރަށް ބުރަ މަސައްކަތް ކުރަމުން މިދަނީ. މަސްވެރިން ހައްޔަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަނީ ބޮޑެތި ގެއްލުންތަކަކާއި ދަތިތަކަކާ ކުރިމަތިލާންޖެހިފައި. ވީމާ، މި ހައްޔަރުކުރި 25 މަސްވެރިން ސަލާމަތުން މިނިވަންކޮށް، އެމީހުންގެ 3 ދޯނި އަނބުރާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް އިންޑިއާގެ ބޮޑުވަޒީރަށް އަޅުގަނޑު ގޮވާލަން،" ސަދަރްޝަން ބުންޏެވެ.

ރާއްޖެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް އަތުލައިގަތުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި މިފަދައިން އަތުލައިގަންނަ އުޅަނދުތައް ދެ ގައުމުގެ މެދުގައި މަޝްވަރާކުރެވި ވަކި އުސޫލެއްގެ ދަށުން އަމަލުތައްކޮށްފައިވެއެވެ.