އަދުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ދުރާލާ ބަލި ދެނެގަނެވި، ރާއްޖޭގެ ނަފުސާނީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ މި މަސައްކަތުގެ ދަށުން ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އަދި އިންސާފުވެރި ނިޒާމެއް ބިނާކުރެއްވުމަށް މަސައްކަތް ރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަން ކުރިއަށް ގެންދާނީ ނަފުސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ޕޯސްޓެއްގައިވަނީ ނަފުސާނީ ބަލިތަކާ ގުޅުވައިގެން ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލައި، އެންމެންގެ އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ލިބޭ އަޅާލުމާ، ދިރިއުޅޭ މުޖުތަމައުތަކާ، ވަށައިގެންވާ މީހުންގެ ސަބަބުން ބައްޓަންވަމުންދާ ކަމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާޖިދާ ވިދާޅުވީ އެއީ ގޭބިސީތަކާއި، މަދަރުސާތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ބައްޓަންވަމުން އަންނަ ކަމެއްކަމަށެވެ. މިއަހަރުގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ "ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" އެވެ.
