ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރުމުގައި، ހަމައެކަނި ސިއްޙީ ނަޒަރަކުން ބެލުމުގެ ބަދަލުގައި ދީނީ ނަޒަރަކުންވެސް އެކަންކަން ދިރާސާކޮށް ބަލަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނާއި ކިޔަވާ ކުދިންގެ ނަފްސާނީ ހާލަތާ ގުޅޭ ދިރާސާތަކުން ފެންނަ ތަފާސްހިސާބުތަކަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ އަދަދުތަކެއް ކަމަށެވެ.
މިގޮތުން ދިރާސާތަކާ ހަވާލާދެއްވައި ފަސްޓްލޭޑީ ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖެއްގެ ކިބައިގައި އަމިއްލައަށް މަރުވުމުގެ ވިސްނުން ހުރުމާއި، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ 7 ކުއްޖަކުން 1 ކުއްޖަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ކުއްޖެއްކަން ފާހަގަކުރެއްވިއެވެ. އަދި އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ކޮންމެ 5 ޒުވާނަކުން 1 ޒުވާނަކު ނަފްސާނީ ކޮންމެވެސް މައްސަލައެއް ތަހައްމަލު ކުރަމުންދާ ކުއްޖެއްކަމުގައި ސާޖިދާ ވިދާޅުވިއެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ނާއުއްމީދުތަކާ ކުރިމަތިލާން ދަސްކުރަންޖެހޭކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ނަފްސާނީ މައްސަލަތައް ދިމާވުމުން އެހީތެރިކަން ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ލަސްނުކޮށް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.
