ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިޖުތިމާއީ ޒިންމާގެ (ސީއެސްއާރު) ހަރަކާތްތަކުގެ ތެރެއިން، އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި އެ ކުންފުންޏަށް ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް ލިބިއްޖެއެވެ.
އުރީދޫ އިން ބުނީ މި އެވޯޑުން ރަމްޒުކޮށްދެނީ ސިއްހީ ފަރުވާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށާއި، އަސާސީ ބޭސްފަރުވާގެ ހިދުމަތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްކަމަށެވެ.
ރާއްޖޭގެ ޖިއޮގްރަފީ ގޮތުން ހުރި ގޮންޖެހުންތަކާއި، ވަގުތުން ވަގުތަށް ސިއްހީ ފަރުވާ ލިބުމުގެ މުހިންމުކަން ދެނެގަނެ، ސިއްހީ ދާއިރާގެ މުހިންމު ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެއާ އެމްބިއުލާންސާއި ސީ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަށްރަށުގެ މުޖުތަމައުތަކަށް ކޮންމެހެން ބޭނުންވާ ހެލްތު ކިޓްތައް ބެހުން ހިމެނެއެވެ.
މިއީ މުޅި ރާއްޖޭގައި ސިއްހީ ފަރުވާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ވެދެވޭ މުހިންމު އެހީތެރިކަމެއްކަން ފާހަގަކޮށް އުރީދޫއިން ބުނީ މި ހަރަކާތްތަކުގެ ތެރެއިން، އެ ކުންފުނީގެ ވަސީލަތްތަކާއި ގުޅުންތައް ބޭނުންކޮށްގެން މުޖުތަމައުގެ ބޭނުންތައް ފުއްދައިދީ، އަސާސީ ސިއްހީ ހިދުމަތްތަކަށް އެއްބާރުލުން ދެމުން އަންނަކަމަށެވެ. އަދި މުޅި ގައުމުގެ ރައްޔިތުންގެ ދިރިއުޅުމަށް ދާއިމީ ހެޔޮ ބަދަލެއް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ކޯޕަރޭޓް ޗޭންޖްމޭކަސް އެވޯޑުން ހާމަވެގެންދަނީ، ކުންފުނިތަކުގެ ޒިންމާއަކީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތްތަކަށް ވުރެ ފުޅާ އެއްޗެއް ކަމަށާއި، އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އުރީދޫ މޯލްޑިވްސްއިން ގަބޫލުކުރާ ގަބޫލުކުރުންކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ ޑިޖިޓަލް ދިރިއުޅުން މުއްސަނދިކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން، ހަމައެކަނި މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ސީއެސްއާރު ހަރަކާތްތަކަށް އިންވެސްޓްކުރުމުގައި އުރީދޫ މޯލްޑިވްސް ދެމިއޮންނާނެކަމުގެ ޔަގީންވަނީ ދީފައެވެ. އަދި ސިއްހީ ދާއިރާއާއި، ތަޢުލީމާ، ޑިޖިޓަލް ބައިވެރިވުން އިތުރުކުރުމާ، ތިމާވެށި ހިމާޔަތްކުރުމާ، އަދި މުޖުތަމައުގެ ތަރައްގީއަށް ދެމުންދާ ސަމާލުކަމާއެކު، އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖެއަށް ފައިދާހުރި ފުރުސަތުތަކެއް ތަނަވަސްކޮށްދީ، އެންމެން ޝާމިލުވާ، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުމަށްކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި ލިބުނު ޝަރަފުގެ ސަބަބުން، ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި އަދި ގައުމީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮވެ، ހިދުމަތް ފޯރުކޮށްދޭ މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ކަނޑައަޅާފައިވާ އަޒުމު އިތުރަށް ވަރުގަދަވެފައިވާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
