ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކަށް އެދެވޭ އެންމެ ދޮށީ އުމުރު 75 އަހަރު ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އުމުރުން ދުވަސްވީ ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ އުންމީދީ އުމުރު މިހާރު 80 އަހަރާ ގާތްކުރާއިރު، ބޭންކުތަކުން ލޯނު ދޫކުރުމުގައި 60 އަހަރުގެ ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ މިހާރުގެ ހާލަތާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ބީއެމްއެލްގެ ލޯނު އުމުރުފުރާގެ މިންގަނޑަށް އެ ބަދަލު ގެނެސްދިނުމަށް މިހާރު ހުށަހަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދެއްކި ފަރާތުންވަނީ 1991 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އަމިއްލަ ވޯކްޝޮޕް ވިޔަފާރި ފުޅާކުރުމަށް ތިލަފުށިން ބިމެއް ހޯދުމުގެ ބޭނުންތެރިކަމާއި، މާލޭގެ ހަނި ގޯޅިތަކާއި ކަންމަތީގައި ގަވާއިދާ ހިލާފަށް ސައިކަލު ޕާކުކުރުމުގެ ސަބަބުން ދިމާވާ ދަތިތައްވެސް ރައީސް އާއި ހިއްސާކުރައްވާފައެވެ.
މާލޭގެ ގަވާއިދާ ހިލާފު ޕާކިން މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ޓްރެފިކްގެ މައްސަލަތައް ހައްލުކުރަން އުފެއްދި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އެ އިދާރާގެ މަސައްކަތް ފެށުމުން ހަނި ގޯޅިތަކުގައި ޕާކުކުރާ މައްސަލަ ހައްލުވާނެ ކަމަށެވެ.
