މާލޭގައި ތަރައްގީ ކުރަމުން އަންނަ ސާފިން ސްޓޭޑިއަމްގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ މަޝްރޫއު ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ސާފިން ކޮމިއުނިޓީއަށް ނުހަނު ބޭނުންތެރި ކުޅިވަރުގެ މި ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ފުލް ސްވިންގްގައި ނުވަތަ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މި ސްޓޭޑިއަމް ނިންމަވައި، ރާޅާއެޅުންތެރިންނާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މީގެއިތުރުން، ރާޅާއެޅުމުގެ އިތުރުން އެހެނިހެން ކުޅިވަރުތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ނުވަތަ ވަސީލަތްތައް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ވެސް މިހާރު ރަނގަޅު މިސްރާބަކަށް އެޅި، ބާރަށް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގްވާމީ ފެންވަރަށް ބިނާކުރާ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

ފީފާގެ މިންގަނޑުތަކަށް ފެތޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާ ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. ހުޅުމާލެ ފޭސް 3 ގައި ގާއިމުކުރާ މި ބިޔަ އެރީނާގެ މަސައްކަތް އެއްކޮށް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 720 ދުވަހުގެ މުއްދަތެކެވެ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، އެކި ކުޅިވަރުތައް ކުޅޭ ޒުވާނުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މާލޭގައި އެޅުމަށް ނިންމާފައިވާ ސާފިން ސްޓޭޑިއަމަކީ ރާޅާއެޅުންތެރިންގެ ފަރާތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި މުހިންމު އެދުމެކެވެ.