ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ފައިދާއާއެކު މިއަހަރުގެ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 36.0 ބިލިއަން (35.96 ބިލިއަން) ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 12 ނޮވެމްބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު މި އާމްދަނީއަކީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ޑިވިޑެންޑް ނުވަތަ ފައިދާގެ ހިއްސާ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުނިތަކުގެ ފައިދާގެ ގޮތުގައި 654.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 61.3 ޕަސެންޓް އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހާއްސަކޮށް ފާއިތުވި ހަފުތާގެ އާމްދަނީ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދައުލަތަށް ދެއްކި 572.7 މިލިއަން ރުފިޔާގެ ފައިދާއެވެ.

މީގެއިތުރުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 10.3 ޕަސެންޓް އިތުރުވެ، 27.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 24.8 ބިލިއަން ރުފިޔާގައެވެ. ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނޭ ޖީއެސްޓީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ (6.2 ޕަސެންޓްގެ ކުރިއެރުމެއް) އަދި ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ (22.9 ޕަސެންޓްގެ ކުރިއެރުމެއް) ވަނީ ލިބިފައެވެ. އަދި އިމްޕޯޓް ޑިއުޓީން 3.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 13.5 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 1.2 ޕަސެންޓް ދަށް އަދަދެކެވެ. އެހެންނަމަވެސް، މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ 29.4 ޕަސެންޓް އިތުރުވެ 2.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 64.9 ޕަސެންޓްގެ ބޮޑު ކުރިއެރުމަކާއެކު 528.2 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ހަރަދުތައް:

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14.9 ޕަސެންޓް މައްޗަށް ގޮސް، 39.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިންގުމުގެ ހަރަދު (ރިކަރަންޓް ހަރަދު) 15.4 ޕަސެންޓް އިތުރުވެ 34.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީތަކަށް ކުރި ހޭދަ ވަނީ 51.2 ޕަސެންޓް އުފުލި 4.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ ވެސް ސަބްސިޑީއަށް ކަމަށެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރު ހޭދަކުރި 4.9 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 12.3 ޕަސެންޓް އިތުރުވެ، 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ 40.7 ޕަސެންޓް އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެއިތުރުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 13.4 ބިލިއަން ރުފިޔާ (10.7 ޕަސެންޓް އިތުރު)، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 20.9 ބިލިއަން ރުފިޔާ (18.4 ޕަސެންޓް އިތުރު) އަދި އެހީއާއި ސަބްސިޑީތަކަށް ޖުމްލަ 11.2 ބިލިއަން ރުފިޔާ (30.9 ޕަސެންޓް އިތުރު) ވަނީ ހޭދަކޮށްފައެވެ. ނަމަވެސް ދަރަންޏަށް ދެއްކި އިންޓްރެސްޓާއި ފައިނޭންސިން ހަރަދު ވަނީ 2.4 ޕަސެންޓް ދަށްވެ، 4.2 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުގައި، 12 ނޮވެމްބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ވަނީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑެފިސިޓް ހުރީ 1.3 ބިލިއަން ރުފިޔާގައެވެ. އެހެންނަމަވެސް، ދަރަންޏަށް ދައްކާ އިންޓްރެސްޓާއި ފައިނޭންސިން ހަރަދުތައް ނުހިމަނައި ބަލާ ޕްރައިމަރީ ބެލެންސުން، ދައުލަތަށް 360.0 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ލިބިފައިވާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.