މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ރާއްޖޭގެ އިގްތިސާދަށް ސީދާ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށާއި، ގްރީން ފައިނޭންސިން ފުރުސަތުތައް ފަހިކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމަށާއި ރަށްތައް ހިމާޔަތްކުރުމަށް ގުދުރަތީ ވެށި ރައްކާތެރިކުރުމަކީ އިހްތިސާދީ ގޮތުން މަޖުބޫރު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ވިޝަން 2040" ހާސިލުކޮށް، އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ނުޖެހޭނެހެން ރާއްޖެ ތަރައްގީކުރުމަށްޓަކައި އިގްތިސާދީ ނުރައްކާތައް މެނޭޖުކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކޮޕް-31 ގައި ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި ފަދައިން، ކުދި ޖަޒީރާ ގައުމުތަކަށް ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަމުގެ މުހިންމުކަމަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އިންފްރާސްޓްރަކްޗާ، އިއާދަކުރަނިވި ހަކަތަ، ފެނުގެ ރައްކާތެރިކަން އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގެ އިތުރުން ބައިނަލްއަގުވާމީ ހިލޭ އެހީއާއި، ފަންނީ އެހީތެރިކަމާއި، އަމިއްލަ ވިޔަފާރިތަކުގެ ދިގު މުއްދަތުގެ ރައުސްމާލު ހޯދަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބޭންކުތަކުން އާ މާލީ އުފެއްދުންތައް ތައާރަފުކުރަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ަނީ ވިޔަފާރިތަކުން ދެމެހެއްޓެނިވި ފައިދާހުރި ހުށަހެޅުންތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ޒިންމާދާރު، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭ އިންވެސްޓްމަންޓްތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވަމުން، ގްރީން ފައިނޭންސްގެ ހަގީގީ ކާމިޔާބީ ފެންނަންވާނީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ރައްޔިތުންނަށް ލިބޭ މާލީ ރައްކާތެރިކަމުން ކަމަށް ވިދާޅުވިއެވެ.