ސިޔާސީ ގުޅުން ގޯސްވެފައި އޮތް ނަމަވެސް، ޗައިނާއިން އިންޑިއާއަށް އެތެރެކުރާ މުދަލަށް ބަރޯސާވާ މިންވަރު ބޮޑުވެ، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ޑެފިސިޓް މިއަހަރު 112 ބިލިއަން ޑޮލަރަށް އަރައިފިއެވެ.

ދެހާސް ވިހި ވަނަ އަހަރު ގަލްވާން ވާދީގައި ހިނގި ކުރިމަތިލުންތަކަށްފަހު، އިންޑިއާއިން ވަނީ ޓިކްޓޮކް ފަދަ ޗައިނާގެ އެޕްލިކޭޝަންތައް މަނާކޮށް، އެންޓި-ޑަމްޕިން ޑިއުޓީތައް ތައާރަފުކޮށްފައެވެ. ނަމަވެސް، 2020 ވަނަ އަހަރު 44 ބިލިއަން ޑޮލަރުގައި ހުރި ވިޔަފާރީގެ ޑެފިސިޓް ވަނީ އޭގެ ފަހުން ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ކޯވިޑް-19 ގެ ކުރިން އިންޑިއާއިން ޗައިނާއަށް އެކްސްޕޯޓްކުރަމުންދިޔަ މިންވަރަށް ވުރެ މިހާރު އެކްސްޕޯޓްކުރާ މިންވަރު ދަށްވެފައިވާއިރު، ޗައިނާއިން އެތެރެކުރާ މުދަލުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ.

ވޮޝިންޓަންގައި ހުންނަ އޭޝިއާ ސޮސައިޓީ ޕޮލިސީ އިންސްޓިޓިއުޓްގެ ސެންޓަރ ފޯ ޗައިނާ އެނަލިސިސްގެ ފެލޯ ކެވިން ޒޮންގްޒޭ ލީ ބީބީސީއަށް ވިދާޅުވި ގޮތުގައި، ސިޔާސީ އަދި ސަލާމަތީ ގުޅުންތައް އެންމެ ދަށް ފެންވަރަކަށް ވެއްޓުނުއިރުވެސް، އިންޑިއާގެ އިގުތިސާދު ޗައިނާއަށް ބަރޯސާވާ މިންވަރު ދިޔައީ ބޮޑުވަމުންނެވެ.

ދިއްލީގައި ހުންނަ ގްލޯބަލް ޓްރޭޑް އެންޑް ރިސާޗް އިނިޝިއޭޓިވް (ޖީޓީއާރުއައި) ގެ އަޖޭ ސްރިވާސްތަވާ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއަށް ބޭނުންވާ ސިނާއީ މުދަލުގެ 30 ޕަސެންޓަށް ވުރެ ގިނައިން ފޯރުކޮށްދެނީ ޗައިނާއިންނެވެ. އަދި މުހިންމު 100 އަށް ވުރެ ގިނަ އުފެއްދުންތަކަށް އިންޑިއާ ބަރޯސާވަނީ ޗައިނާއަށެވެ. މިގޮތަށް އެތެރެކުރާ މިންވަރު އިތުރުވަމުންދާނަމަ، ވިޔަފާރީގެ ޑެފިސިޓް 134 ބިލިއަން ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން މިހާރު ދުނިޔޭގެ އައިފޯނުގެ 25 ޕަސެންޓަށް ވުރެ ގިނައިން އުފެއްދި ނަމަވެސް، އެ ތަކެތި ރޭވުމަށް ބޭނުންކުރާ ބައިތައް މައިގަނޑު ގޮތެއްގައި އެތެރެކުރަނީ ޗައިނާއިންނެވެ. އޮބްޒާވަރ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިންޑިއާއަށް އެތެރެކުރާ މުދަލުގެ ތެރެއިން 36 ޕަސެންޓަކީ އިލެކްޓްރިކަލް މެޝިނަރީއާއި އިލެކްޓްރޯނިކްސްއެވެ. އަދި 21.7 ޕަސެންޓަކީ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ. މީގެ އިތުރުން ކެމިކަލްއާއި ޕްލާސްޓިކް ވެސް ގިނަ އަދަދަކަށް އެތެރެކުރެއެވެ.

އޯއާރުއެފްގެ ސެންޓަރ ފޯ ނިއު އިކޮނޮމިކް ޑިޕްލޮމަސީގެ ފެލޯ ސޯމިއާ ބޯމިކް ވިދާޅުވި ގޮތުގައި، ޗައިނާއިން އެތެރެކުރާ މުދާ ހުއްޓިއްޖެނަމަ، އިންޑިއާގެ އުފެއްދުންތެރިކަމަށް ބޮޑު ހުރަހަކާ ކުރިމަތިވާނެއެވެ. މިއީ ޗައިނާއިން ގެންނަ ތަކެތީގެ ބަދަލުގައި އިންޑިއާގައި އެ ތަކެތި އުފެއްދުމަށް ހުރި ދަތިތައް ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ އިގުތިސާދީ ދުވެލި މަޑުޖެހިފައިވާއިރު، ދަގަނޑާއި، ސޯލާ ޕެނަލް އަދި އިލެކްޓްރިކް ކާރު ފަދަ ތަކެތި އުފައްދާ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން، އެ ތަކެތި އަގުހެޔޮކޮށް ބޭރު ގައުމުތަކަށް ވިއްކަމުންދާއިރު، ހުޅަނގުގެ ގައުމުތަކުން ޓެރިފް ބޮޑުކުރުމާ ގުޅިގެން ގިނަ މުދާ މިސްރާބުޖަހާފައިވަނީ އިންޑިއާއަށެވެ. ޗައިނާގެ ވިޔަފާރީގެ ސާޕްލަސް ވިދިވިދިގެން ދެވަނަ އަހަރަށް 1 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޗައިނާގެ މުދަލަށް ބަރޯސާވުން ކުޑަކުރުމުގައި އިންޑިއާއަށް ކާމިޔާބު ލިބިފައިވާ ހަމައެކަނި ދާއިރާއަކީ ކުޅޭތަކެތި އުފެއްދުމުގެ ސިނާއަތެވެ. މީގެ ހަ އަހަރު ކުރިން އިންޑިއާއިން ވަނީ ބޭރުން އެތެރެކުރާ ކުޅޭތަކެތީގެ ޑިއުޓީ 20 ޕަސެންޓުން 60 ޕަސެންޓަށް، އަދި ފަހުން 70 ޕަސެންޓަށް ބޮޑުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2020 ވަނަ އަހަރު 300 މިލިއަން ޑޮލަރުގައި ހުރި ކުޅޭތަކެތީގެ އިމްޕޯޓް މިއަހަރު ވަނީ 100 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އަދި އެކްސްޕޯޓް ވަނީ 129 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. ކުރިން އިންޑިއާގެ ކުޅޭތަކެތީގެ މާކެޓުގެ 70 ޕަސެންޓް ކޮންޓްރޯލްކުރީ ޗައިނާއިންނެވެ.

ސެޕްޓެންބަރު މަހު ދިއްލީގައި ބޭއްވި ބްރިކްސް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ފަރަގު ކުޑަކުރުމަށާއި ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކުރައްވާފައެވެ.

ސްރިވާސްތަވާ ވިދާޅުވި ގޮތުގައި، މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ އިންޑިއާގެ އުފެއްދުންތެރިކަން ކުރިއެރުވުމެވެ. އިންޑިއާއިން ދާދި ފަހުން ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ އުސޫލުތަކަށް ލުއިދީފައިވާއިރު، އިންވެސްޓްމަންޓްތަކަށް ހުއްދަ ދޭންވާނީ ޓެކްނޮލޮޖީ ބަދަލުކުރުމާއި، އިންޑިއާގައި ތަކެތި އުފެއްދުމަށް އިސްކަންދޭ ފަރާތްތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލީ ވިދާޅުވި ގޮތުގައި، އިންޑިއާއިން ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމަށް ބޭސްވެރިކަމުގެ ދާއިރާ ފަދަ ވަކި ދާއިރާތަކަކަށް އަމާޒުކުރެވިދާނެއެވެ. ނަމަވެސް، 112 ބިލިއަން ޑޮލަރުގެ ޑެފިސިޓެއް ކުޑަކުރެވޭނީ ޗައިނާގެ މާކެޓަށް ވަނުމަށް އިންޑިއާގެ އުފެއްދުންތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ބެއިޖިންއިން ދޫދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.