އިންޑިއާގައި އިންތިހާބީ އިސްލާހުތަކަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރުތަރި އާމިރު ހާންގެ ކޮއްކޮ އެކްޓަރު އިމްރާން ހާން އޮކްޓޯބަރު 28 ގެ ކުރިން އެ ގައުމު ދޫކޮށްދިޔުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަންގައިފިއެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ އިމްރާން ހާން ގެންގުޅެނީ އިންޑިއާގެ އަސްލު ނިސްބަތްވާ މީހުންނަށް ގައުމަށް ޒިޔާރަތްކޮށް މަޑުކުރުމުގެ ހުއްދަ ދޭ "އޯވަސީޒް ސިޓިޒަން އޮފް އިންޑިއާ" (އޯސީއައި) ކާޑެކެވެ. ނަމަވެސް އޯސީއައި ކާޑު އޮންނަ މީހަކަށް ވޯޓެއް ނުލެވޭނެއެވެ. އަދި އިންތިހާބެއްގައި ވާދައެއްވެސް ނުކުރެވޭނެއެވެ.
އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަ ޖްނާނޭޝް ކުމާރު އިސްތިއުފާދެއްވުމަށް ގޮވާލައި މުމްބާއީގެ އޯގަސްޓް ކްރާންތީ މައިދާނުގައި ބޭއްވި މުޒާހަރާގައި އިމްރާން ހާން ބައިވެރިވެފައިވާއިރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މުޒާހަރާކޮށްގެން ގާނޫނާ ހިލާފުވުމާ ގުޅިގެން ފޮރިންޒް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް (އެފްއާރްއާރްއޯ) މެދުވެރިކޮށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެެ.
2008 ވަނަ އަހަރު ނުކުތް މަޝްހޫރު ލޯބީގެ ކޮމެޑީ ފިލްމު "ޖާނޭ ތޫ، ޔާ ޖާނޭ ނާ" އިން މަޝްހޫރުވި މި އެކްޓަރު މިހާތަނަށް މި ނޯޓިހާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އިމްރާން ހާން އެންމެ ފުރަތަމަ ފެނިގެންދިޔައީ 1988 ވަނަ އަހަރު ނުކުތް "ގިޔާމަތު ސޭ ގިޔާމަތު ތަކް" އަދި 1992 ވަނަ އަހަރުގެ "ޖޯ ޖީތާ ވަހީ ސިކަންދަރު" ފަދަ މަޝްހޫރު ފިލްމުތަކުގައި ކުޑަކުއްޖެއްގެ ރޯލުންނެވެ. 2008 ވަނަ އަހަރު ލީޑް އެކްޓަރެއްގެ ގޮތުން ފިލްމީ ދާއިރާއަށް ނުކުތް ފަހުން، އޭނާވަނީ "އައި ހޭޓް ލަވް ސްޓޯރީޒް"، "މޭރެ ބްރަދަރް ކީ ދުލްހަން" ފަދަ އެތައް ފިލްމެއްގައި ކުޅެފައެވެ.
ގައުމު ދޫކޮށް ދިޔުމަށް އެންގި މި ނޯޓިސް އައިސްފައިމިވަނީ، އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު، މިއަހަރު ނެޓްފްލިކްސް ގެ ފިލްމް "އަދޫރޭ ހަމް، އަދޫރޭ ތުމް" އިން އިމްރާން ހާން އަލުން އެކްޓިންއަށް ނުކުމެފައިވާ ދަނޑިވަޅެއްގައެވެ.
