އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރުމަށް ތައްޔާރުވަމުންދާ ތޫފާން "އަރުނަބް" ގެ ސީދާ އެއްވެސް އަސަރެއް ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ވިއްސާރަކުރަމުންދަނީ އިންޑިއާގެ ދެކުނާއި ސްރީލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރެއްގެ ސަބަބުން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ބަންގާޅު ކަނޑުގައި އުފެދިފައިވާ މި ތޫފާން، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންދުރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މި ތޫފާނުގައި ގަޑިއަކު ގާތްގަނޑަކަށް 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އަންދުރަ ޕްރަދޭޝްގެ އުތުރާއި މެދުތެރޭގެ އައްސޭރިފަށުގެ ސަރަހައްދުތަކަށާއި އޮޑިޝާ ސްޓޭޓްގެ ދެކުނަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ތޫފާނުގެ ސަބަބުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ކަމާއި ގުޅޭ އިދާރާތަކުގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.