އިންޑިއާގެ އޮފިޝަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ސީދާ ގޮތެއްގައި ފާޑުކިޔައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ގުޅުމަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަކާ ގުޅިގެން އިންޑިއާގެ އޮފިޝަލުން މިހާރު ވަނީ މީގެ ކުރިން ދުވަހަކުވެސް ފާޑު ނުކިޔާ މިންވަރަށް ފާޅުގައި ޓްރަމްޕްގެ ސަރުކާރަށް ފާޑުކިޔަން ފަށާފައެވެ. އާންމު ގޮތެއްގައި އެކުވެރި ގައުމުތަކާއެކު އުފެދޭ ހިޔާލުތަފާތުވުންތައް އިންޑިއާއިން ހައްލުކުރަނީ ފަރުދާގެ ފުރަގަހުގައި ނަމަވެސް، އެ ގައުމުން މިހާރު ވަނީ ޒަމާނުއްސުރެ ހިފަހައްޓަމުން އައި އެ އުސޫލު ދޫކޮށްލައި ވައިޓް ހައުސްއާ މެދު ފާޅުގައި ފާޑުކިޔުމުގެ ރާގެއް އިހުތިޔާރުކޮށްފައި ކަމަށް އެ ނޫހުން ބުނެއެވެ.

މި ބަދަލު އައިސްފައިވަނީ 2026 ވަނަ އަހަރު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބަށް ޓްރަމްޕް ތައްޔާރުވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ. މި އިންތިހާބުގައި އެމެރިކާގެ ކޮންގްރެސްގެ ގިނަ ގޮނޑިތަކެއް ޓްރަމްޕަށް ގެއްލި، އެމަނިކުފާނުގެ ގާނޫނީ އެޖެންޑާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އަލްޖަޒީރާއިން ބުނި ގޮތުގައި، ޓްރަމްޕަށް ތާއީދުކުރުމުގެ ބަދަލުގައި، މިޑްޓާމް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ޓްރަމްޕްގެ ބާރުތައް ހަނިވެގެންދިއުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިހާރު ބޮޑަށް އެދޭނެ ގޮތް ކަމަށް ގިނަ މުހައްލިލުން ގަބޫލުކުރެއެވެ.

މިދިޔަ ސެޕްޓެންބަރު މަހު ނިއުޔޯކްގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ޓެރަރިޒަމާ ގުޅޭ ގޮތުން އިންޑިއާއިން ފާޅުކުރާ ކަންބޮޑުވުންތަކަށް އެމެރިކާއިން އިހުތިރާމު ނުކޮށް، އިންޑިއާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޕާކިސްތާނާއެކު ވަނީ ގުޅުން ބަދަހިކޮށްފައެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ނުހަނު ބޮޑަށް ގެއްލުންވާ ފަދަ އަމިއްލަ އެދުން ބޮޑު ވިޔަފާރީގެ ސިޔާސަތުތަކެއް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ގައުމުތަކުގެ ދިރިއުޅުމަށް ދަތިކުރުމަކީ މަގުސަދެއް ނޫން ކަމަށް ބުނެ، ހަމައެކަނި އަމިއްލަ މަސްލަހަތަށް ބަލައިގެން ގައުމުތަކުން ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ޓްރަމްޕްގެ ޓެރިފް ނިޒާމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއަށް ލުޔެއް ލިބޭނެ ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިފައި ނުވުމެވެ. މި އޮކްޓޫބަރު މަހު އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތައް މިހާރު އޮތީ އިތުރު ދޫތަކެއް ދިނުން ނުވަތަ ގަބޫލުކުރުން ވަރަށް އުނދަގޫ ހިސާބެއްގައި ހުއްޓިފައި ކަމަށެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުމަށް ވޮޝިންޓަނުން އިންޑިއާއަށް ފިއްތުންތައް ކުރިމަތިކުރުވުމާއި، 2025 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވާ ވާހަކަތައް އިންޑިއާއިން ދޮގުކުރުން ފަދަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ހަމައެއާއެކު، އެޗް-1ބީ ވިސާގެ ފީ ބޮޑުކުރުމާއި ހިޖުރަވެރިންނާ ދެކޮޅަށް ޓްރަމްޕް އަޅުއްވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ މަސައްކަތްތެރިންނަށް ވަނީ އަސަރުކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި، ޓްރަމްޕްގެ މޭކް އެމެރިކާ ގްރޭޓް އެގެއިން (މާގާ) ހަރަކާތުން ވަނީ އެޗް-1ބީ ވިސާ ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެމެރިކާގެ ވަޒީފާތައް އިންޑިއާ މީހުން ވަގަށް ނަގާ ކަމަށް ތުހުމަތުކޮށް، ނަސްލީ ތަފާތުކުރުމުގެ ވާހަކަތައް ފަތުރާފައެވެ. އަދި ޓްރަމްޕްގެ ދެވަނަ ދައުރުގެ ކުރީކޮޅު، ގަވާއިދާ ހިލާފަށް އުޅުނު އިންޑިއާގެ ގިނަ ބަޔަކު ކަސްތޮޅު އަޅުވައިގެން އަނބުރާ ގައުމަށް ފޮނުވާލުމުން އިންޑިއާގައި ބޮޑު ނުރުހުމެއް އުފެދުނު ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ވޮޝިންޓަންގައި ހުންނަ ކާނެގީ އެންޑޯމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ސައުތު އޭޝިއާ ޕްރޮގްރާމްގެ ޑިރެކްޓަރު މިލަން ވައިޝްނަވް ވިދާޅުވީ، ސިޔާސަތުތަކުގައި ހުންނަ އާންމު ހިޔާލުތަފާތުވުންތަކަށް އިންޑިއާ ސަރުކާރަށް ކެތްކުރެވިދާނެ ކަމަށާއި، ނަމަވެސް މި ސަރުކާރާއި އެ ފަރާތްތަކަށް ތާއީދުކުރާ މީޑިއާތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޑިއާއަށާއި އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނަށް އަމާޒުކުރާ ހަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިކަމުގައި މޯދީގެ ސަރުކާރުން ދައްކާފައިވަނީ ތާއީފު ހައްގު ކެތްތެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ މި ނުތަނަވަސްކަމަކީ 2019 ވަނަ އަހަރު ފެނުނު މަންޒަރާ މުޅިން ތަފާތު ހާލަތެކެވެ. އެ އަހަރު އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ހިއުސްޓަންގެ ސްޓޭޑިއަމެއްގައި އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ 50،000 އަށް ވުރެ ގިނަ މީހުންނާއެކު ބޭއްވި އެއްވުމެއްގައި، ޓްރަމްޕްގެ އަރިހުގައި ހުންނަވައިގެން މޯދީ ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ތާއީފުކުރައްވާފައެވެ. ބައްދަލުވާ ކޮންމެ ފަހަރަކުވެސް ޓްރަމްޕަކީ ގާތް، އެކުވެރި އަދި ހަކަތަ ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ، މޯދީ ވަނީ އެމަނިކުފާނުގެ އަމިއްލަ އިންތިހާބީ ކެމްޕޭނުގެ ޝިއާރެއް ބޭނުންކުރައްވައި، މި ފަހަރު ޓްރަމްޕްގެ ސަރުކާރެއް ގެންނަން ގޮވާލައްވާފައެވެ. އަދި ޓްރަމްޕަކީ ވައިޓް ހައުސްގައި ހުންނެވި އިންޑިއާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވެސް މޯދީ ސިފަކުރެއްވިއެވެ.

ތާރީހީ ގޮތުން ބަލާއިރު، އިންޑިއާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް އެމެރިކާގެ ޑިމޮކްރެޓިކް ސަރުކާރުތަކުން ބޮޑަށް ފާޑުކިޔާ ކަމަށް މޯދީގެ ސަރުކާރުން ދެކޭއިރު، ނިއު ދިއްލީގެ ސްޓްރެޓީޖިކް ދާއިރާގެ ފަރާތްތަކަށް އަބަދުވެސް ބޮޑަށް ފަސޭހަވެފައި އޮންނަނީ ރިޕަބްލިކަން ޕާޓީގެ ރައީސުންނާއެކު މަސައްކަތްކުރުމަށެވެ. ފިނި ހަނގުރާމަ ނިމެމުންދިޔަ ދުވަސްވަރު ރައީސް ރޮނަލްޑް ރޭގަންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރިއިރު، ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އިންޑިއާއަކީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ - އެންޕީޓީ) ގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވި ނަމަވެސް، މަދަނީ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށް އަސްކަރީ މުހިންމު އެއްބަސްވުންތަކެއް ގާއިމުކުރިއެވެ. 2024 ވަނަ އަހަރުގެ އިންތިހާބު ޓްރަމްޕް ކާމިޔާބުކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖައިޝަންކަރު ވެސް ވިދާޅުވެފައިވަނީ، އެމެރިކާއާ މެދު ގިނަ ގައުމުތަކަކުން ކަންބޮޑުވި ނަމަވެސް އިންޑިއާއަކީ އޭގެ ތެރޭގައި ހިމެނޭ ގައުމެއް ނޫން ކަމަށެވެ.

ނަމަވެސް ޓެރިފްގެ މައްސަލާގައި ދެ ގައުމުގެ ގުޅުމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެކި ގައުމުތަކާ ދެކޮޅަށް ޓްރަމްޕް ކަނޑައެޅުއްވި ފުޅާ ޓެރިފްތައް ބާތިލުކޮށްފައެވެ. އެއާއެކު ޓްރަމްޕްގެ ސަރުކާރުން ވަނީ މުޅި ދުނިޔެއަށް އަމާޒުކޮށް 10 ޕަސެންޓުގެ އާ ޓެރިފެއް ތައާރަފުކޮށްފައެވެ. އަދި މިދިޔަ ސެޕްޓެންބަރު މަހު ޓްރަމްޕް ވަނީ ރަޝިޔާއިން ތެޔޮ ގަންނަ އިންޑިއާ ފަދަ ގައުމުތަކުން 100 ޕަސެންޓާ ހަމައަށް ޓެރިފް ނެގޭނެ ގާނޫނެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ރަޝިޔާއާއެކު ކުރިއަށްދާ މަޝްވަރާތައް ހިފެހެއްޓުމަށާއި، ނޮވެންބަރު މަހުގެ މިޑްޓާމް އިންތިހާބުގެ ކުރިން އެމެރިކާގައި ހަކަތައިގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި ޓްރަމްޕް ވަނީ އެ ގާނޫނަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައްވާފައެވެ.

މި އޮކްޓޫބަރު މަހު އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވެރިރަށް ނިއު ދިއްލީއަށް ވަޑައިނުގެން ދަތުރުފުޅު ނިންމަވާލައްވާފައެވެ. ދަ އިންޑިއަން އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވީ، އެއްވެސް ޓެރިފަކީ އިންޑިއާއަށް އަދަބު ދިނުމަށް ނުވަތަ ގެއްލުން ދިނުމަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހިމެނޭ ކަމަށާއި، ޓެރިފް މަޑުޖައްސާލި އެއް ސަބަބަކީ އިންޑިއާއާއެކު އޮތް މުހިންމު ގުޅުމަށް އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެކަން ޓްރަމްޕަށް އެނގިވަޑައިގަތުން ކަމަށް ރޫބިއޯ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ފިޔަވަޅުތައް އަލުން އެޅުމުގެ ފުރުސަތު އޮތްކަން ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެކަން ހަމަހަމަކުރެއްވުމަށް ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށާއި އެހެން ނަމަވެސް އެއީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ. ބްރަސަލްސްގައި ހުންނަ އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއާ އެނަލިސްޓް ޕްރަވީން ދޮންތީ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ދެވަނަ ދައުރުގައި އިންޑިއާއާ މެދު ވޮޝިންޓަންގެ ދެ ޕާޓީގެ މެދުގައި އޮތް އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ސްޓްރެޓީޖިކް ދާއިރާގެ ތެރޭގައި އެމެރިކާއާ މެދު ފިނި ހަނގުރާމައިގެ ދުވަސްވަރު އޮތް ފަދަ އިތުބާރު ނެތުމުގެ އިހުސާސް އަލުން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ހަކަތައިގެ ކާރިސާގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، ޓްރަމްޕަށް އޮތް ތާއީދު ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައި ކަމަށް އެ ނޫހުން ބުނެއެވެ. ވައިޝްނަވް ވިދާޅުވި ގޮތުގައި، މިޑްޓާމް އިންތިހާބުން ޓްރަމްޕްގެ ބާރު ކެނޑިގެންދިއުމަކީ އިންޑިއާގެ މަސްލަހަތަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އިންޑިއާއާއި އެމެރިކާގެ ގުޅުން މި ސަރުކާރުން ގެންގުޅޭ ގޮތާ މެދު ކޮންގްރެސްގައި ތިއްބެވި ގިނަ އަދަދެއްގެ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ވެސް ނުރުހުންވެފައިވާ ކަމަށާއި، ޑިމޮކްރެޓުންގެ އަގުލަބިއްޔަތު އޮންނަ ކޮންގްރެސްއެއްގެ ސަބަބުން އެމެރިކާގެ ހާރިޖީ ސިޔާސަތު މެދުމިނަކަށް އެޅުވުމަށް ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ވޮޝިންޓަންގައި ހުންނަވާ ދެކުނު އޭޝިއާގެ ކަންކަމުގެ މުހައްލިލެއް ކަމަށްވާ މައިކަލް ކުގެލްމަން ވިދާޅުވީ، އިންތިހާބުގެ ނަތީޖާގެ ސަބަބުން އިންޑިއާއާ މެދު ޓްރަމްޕް ގެންގުޅުއްވާ ހާރިޖީ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމާ މެދު ޝައްކުކުރައްވާ ކަމަށެވެ. ގާނޫނީ ގޮތުން ތިންވަނަ ދައުރަކަށް ކުރިމަތިލެއްވޭނެ ފުރުސަތު ނެތުމާއެކު ޓްރަމްޕް މިހާރު ހުންނެވީ ވެރިކަމުގެ ފަހު މަރުހަލާގައިކަން ފާހަގަކުރައްވައި ކުގެލްމަން ވިދާޅުވީ، އެމެރިކާގެ އިގުތިސާދީ މަސްލަހަތު ކުރިއެރުވުމަށްޓަކައި އިންޑިއާއަށް އިތުރު ޓެރިފްތަކުގެ އިންޒާރު ދޭންޖެހޭ ކަމަށް ޓްރަމްޕަށް ފެނިވަޑައިގެންފި ނަމަ އެކަން ކުރައްވާނެ ކަމަށެވެ. ދޮންތީ ވިދާޅުވީ، ޓްރަމްޕަށް ތާއީދުކުރާ ރިޕަބްލިކަނުންގެ މެދުގައި ވެސް އިންޑިއާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ފުޅާ އެއްބަސްވުމެއް އޮތް ކަމަށް ފެންނާތީ، ޓްރަމްޕްގެ ބާރު ދަށްވި ނަމަވެސް އިންޑިއާއަށް ލުޔެއް ނުލިބިދާނެ ކަމަށާއި، އިންޑިއާއިން އުންމީދުކުރާނީ ޓްރަމްޕްގެ ވެރިކަން ނިމުމުން ދެ ގައުމުގެ ގުޅުން ރަނގަޅުވެ، ކެތްތެރި އަދި ސްޓްރެޓީޖިކް އުސޫލެއް ވޮޝިންޓަނުން ގެންގުޅޭނެ ކަމަށް ކަމަށެވެ.