ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ މިދިޔަ މެއި މަހުވެސް ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ އަހަރުގެ ތެރޭގައި ވެސް އެމަނިކުފާނު ސިންގަޕޫރަށް ދެ ދަތުރުފުޅެއް ކުރައްވާފައި ވެއެވެ.
މި ދެ ދަތުރުފުޅުގެ ތެރެއިން، މިދިޔަ އަހަރުގެ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސިންގަޕޫރުގެ ސަރުކާރާއެކު މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އާއިލާއާއެކު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
