ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރި ގޯތިތަކާއި ރަޖިސްޓަރީތަކާ ގުޅޭ ތަފާސްހިސާބުތައް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3،548 ޕްލޮޓެވެ. މީގެ ތެރެއިން މިހާތަނަށް 3،086 ރަޖިސްޓަރީ ދޫކުރެވިފައިވާއިރު، މިއީ ރަޖިސްޓަރީ ހަވާލުކޮށް ނިމިފައިވާ މިންވަރުގެ 87 އިންސައްތައެވެ.
މީގެއިތުރުން، މިހާތަނަށް އަމަލީ ގޮތުން ބިން ހަވާލުކުރެވިފައިވަނީ 1،393 ފަރާތަކަށެވެ. މިއީ ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ ބިމުގެ 39.3 އިންސައްތަ ކަމަށް ވެއެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން މިހާރު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫއަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ޙައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އެމްޑީޕީގެ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޫކުރަން އިއުލާނުކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ނިންމީ ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދު އިތުރުކުރުމަށެވެ. އެއީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު މީހުން ހިމަނައިގެންނެވެ.
