ޖިންސީ ގޯނާގެ ތުހުމަތުކޮށް އަދި ހައްޔަރުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން އެފަދަ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ، ދޮގު ވާހަކަތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކުގެ އަރިހުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އެނޮނީމަސް އެކައުންޓެއްކަމަށްވާ ހަސަން ކުރުސީގައި މިފަދައިން ލިޔެފައިވަނިކޮށެވެ. އެގޮތުން އަލީ ވަހީދުގެ އެންމެ ގާތް އެކުވެރިޔާ، އަބްދުﷲ ޝާހިދު އެމީހުންގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ރިޕޯޓުކުރުމަށް ފުލުހުންގެ އިދާރާއަށް ގޮސްހުރިކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޝާހިދު ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކުރައްވާފައެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސިޔާސީ ބޭފުޅުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކާއި ދޮގު މައުލޫމާތު ފެތުރުން ވަނީ އިތުރުވެފައެވެ.