މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނަގަން ނިންމައިފިއެވެ.
ހައުސިންގް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައި ވަނީ، މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އަސާސީ އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި، ކައުންސިލްގެ އިހްތިސާސުން އެ ބިންތައް ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން މި ބިންތަކުގެ އިތުރުން ގިނަ އެހެން ބިންތަކެއް ވަނީ މިހާރު ކައުންސިލުން ވަކިކޮށް ދައުލަތަށް ނަގާފައެވެ.
އޭގެ ތެރޭގައި މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނުގެ އިތުރުން ސިޓީ ކައުންސިލްގެ އިދާރާ މިހާރު ހިންގާ ތައިސޭ ކޮށި ވެސް ހިމެނެ އެވެ.
ހައުސިންގް މިނިސްޓްރީން ބުނީ، މި ނިންމުމާ ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ، މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ދައުލަތަށް އަލުން ނަގަން ކަނޑައެޅި އިތުރު ބިންތަކުގެ ތެރޭގައި:
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ކުލީ ފާހާނާ ނަންބަރު 2
- މަސްވެރިންގެ މައިޒާން
- ކާނިވާ ސަރަހައްދު
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
މިފަދަ ނިންމުމެއް މިނިސްޓްރީން ނިންމާފައިވާއިރު ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފި ހިނދެއްގައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހު އެވެ.
ބިލުގައި ވާ ގޮތުން، ކައުންސިލެއްގެ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމި ނަމަވެސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަން ޖެހެ އެވެ. ގާނޫނަށް ގެނައި އެ ބަދަލުގައިވާ ގޮތުން ކައުންސިލެއްގެ ބިމެއް ނަގަން ކެބިނެޓުން ނިންމާ އިރު ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހެ އެވެ.
މީގެ އިތުރުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތް ގާނޫނަށް ގެނައި އާ އިސްލާހުން ފަހިކޮށްފައިވެ އެވެ.
