ގެދޮރުވެރިކަމަށް ބޭނުންވާ އިކުއިޓީ ފައިނޭންސް ފޯރުކޮށްދިނުމުގެ ސްކީމަކީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ސިޔާސަތެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ތައާރަފްކޮށްފައިވާ "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް"ގެ ދަށުން ހިންގާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް ޓަކައި މާލީ 4 އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން މުއްތަލިބު ވިދާޅުވީ އެއް މިލިއަން ރުފިޔާގެ ލޯނަކުން ތިން ކޮޓަރީގެ ގެއެއް ހެދޭ ނަމަ، ސަރުކާރުން އިކުއިޓީގެ ގޮތުގައި ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ބާކީ އަށް ލައްކަ ރުފިޔާ ބޭންކު ފައިނޭންސިން މެދުވެރިކޮށް ހަމަޖައްސާއިރު، ސަރުކާރުން ދޭ ދެ ލައްކަ ރުފިޔާއަކީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފި ނަމަ އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މި ބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށްކަމަށާއި މީގެތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނޭނެކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ. މި ސްކީމުގެ ލުއިފަސޭހަކަން ހާމަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ގޯތި ލިބި އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށް މީގެއިން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
މިއަހަރުގެ ތެރޭގައި މި ސްކީމަށް އެދުމުގެ ފުރުޞަތު ހުޅުވާލައި، ގާތްގަނޑަކަށް 1,500 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާއިރު މި އަދަދު އިތުރުކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން އަމިއްލައަށް އިމާރާތްކޮށްފައި ދިނުމުގެ ބަދަލުގައި ބޭންކުތަކާއި އަމިއްލަ ސެކްޓާ ބައިވެރިކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދައުލަތަށް ބޮޑެތި ލޯނުތައް ނެގުމުން ސަލާމަތްވެ، ރައްޔިތުންނަށް އެމީހުން ބޭނުންވާ ގޮތަށް އަވަސް ކަމާއެކު ގެދޮރު ބިނާކުރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.
