"ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން، ޗައިނާ ސަރުކާރުން ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މައިގަނޑުގޮތެއްގައި އަމާޒު ހިފާފައި ވަނީ ސާފު ހަކަތަ އާއި ދެމެހެއްޓެނިވި ޖަޒީރާ ތަރައްގީއަށެވެ. މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ޗައިނާ ސަފީރު ވިދާޅުވީ، ކަނޑުގައި ފްލޯޓިން ސޯލާ މަޝްރޫއުތައް ހިންގައިގެން އަވިން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާތީ، ރާއްޖޭގައި ވެސް އެފަދަ މަޝްރޫއުތައް ހިންގުމަށް ޗައިނާގެ ކުންފުނިތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
