ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ޕްރޮޕަޓީއެއް ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބް މިކަން ހާމަކުރެއްވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެތުރެމުންދާ ބައެއް މައުލޫމާތުތަކުގެ ހަގީގަތް ސާފުކޮށްދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކުން އެ ޕްރޮޕަޓީ ވިއްކާލަން ބޭނުންވި ނަމަވެސް ނުވަތަ އެ ފަރާތެއް މަރުވެގެން ވާރުތަވާ ހާލަތުގައިވެސް، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމުން ކަމަށެވެ. އަދި ސަރުކާރުން އެ ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު ކަމަށްވާތީ، އެފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރުވެސް ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކައި، ބަދަލުކޮށް، އަދި ވާރުތަވަމުންދާ މުދާކަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެ މީހަކަށް ނުވަތަ އެމީހެއްގެ އާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިސާ ދިނުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނުގެ ދަށުން ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ އިމިގްރޭޝަނަށް ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިގްތިސާދާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ދިވެހި ދައުލަތަކީ ފަހުރުވެރި މިނިވަން ދައުލަތެއް ކަމަށެވެ. އަދި ދިވެހި ދައުލަތް ތަނަވަސްވެ ތަރައްގީ ވަމުން ދިއުމަކީ ރާއްޖޭގެ އިސްތިގުލާލު ވަރުގަދަވެ، އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. ހަމައެއާއެކު، ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު ދާދި ފަހުން ސަރުކާރުން ވަނީ ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއެއްގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް ދައުލަތަށް ލިބެ އެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައި ވެއެވެ.
ރަސްމާލެ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު އެމަޝްރޫއު ތަރައްގީ ކުރަމުންދާ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
