ދިގު މުއްދަތަކަށް ކުލި ނުދައްކާ ހުރުމާ ގުޅިގެން، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ރިވެލި ރެސްޓޯރެންޓް ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ބެލުމުގެ ދަށަށް ނަގައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަންޖެހުނީ ކުލި ނުދައްކާ ދިގު މުއްދަތެއް ވެފައި ވުމާ ގުޅިގެންނެވެ. އެގޮތުން، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހާ ނޯޓިސްތަކާއި، މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، އެއްބަސްވުމުގެ އިޖުރާއަތްތަކާ އެއްގޮތްވާ މަތީން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މި ނިންމުމާ ގުޅިގެން، މިއަދުން ފެށިގެން ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް ނުވަތަ ހިދުމަތެއް ވެސް ނުދެވޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މިފަދަ ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުން ކަމަށް ވަނީ ޔަގީންކޮށްދީފައެވެ.
އަދި މިފަދަ ފިޔަވަޅުތައް ނިންމަނީ އާންމުންނަށް ހިދުމަތްދޭން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް، ގަވާއިދުގެ މަތިން ދެވެން އޮތް އެންމެ ފުޅު ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހުގައިކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.
