އަހްމަދު ޒާހިރަށް ހުޅުމާލޭގެ ފޭސް 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750 ރުފިޔާއަށް ވިއްކުމަށް ނިންމި ނިންމުމާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ގާނޫނީ އަދި އިދާރީ ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް މިނިސްޓްރީން ނިންމާފައިވާކަން ހާމަކުރުމާ ގުޅިގެން، ހުސައިން ޝަމީމް ވިދާޅުވީ ސަރުކާރުގެ ވަކިވަކި ނިންމުންތަކުގައި އޭސީސީއިން ލަފާ ދިނުމަކީ އެ ކޮމިޝަނުގެ ގާނޫނީ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރަށް ގާނޫނީ ލަފާ ދޭންޖެހޭ ފަރާތަކީ ބަންޑާރަ ނައިބު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ފާހަގަކުރެވިފައިވާ މުހިންމު ކަންތައްތަކަށް އަލިއަޅުވަމުން ޝަމީމްވަނީ އަހްމަދު ޒާހިރަށް ވިއްކަން ނިންމާފައިވަނީ ބަންޑާރަ ބިމެއް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ ގޮތުން ބަންޑާރަ ބިމެއް ސީދާ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސުވާލު އުފައްދާފައިވެއެވެ. އަދި ވިއްކޭނީ ބިން އަމިއްލަކުރުމަށްފަހުގައި ކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ބަންޑާރަ ގޯއްޗެއް އަހްމަދު ޒާހިރަށް "ވިއްކުމަށް" ސަރުކާރުން ނިންމީ ގާނޫނާ އެއްގޮތަށްކަމަށް ބުނެވެން ނެތް ކަމަށެވެ.

"މީގެ ކުރިން އަހްމަދު ޒާހިރަށް "ވިއްކަން" ނިންމާފައި އޮތީ މޯލްޑިވްސް ހައުސިންގ އެންޑް އަބަން ޑިވެލޮޕްމަންޓު ބޯޑުގެ ބިމެއް. އަޅުގަނޑު ހަނދާންވާގޮތުން، އޭރު އެ ބިންތަކަކީ ބަންޑާރަ ބިންތަކެއް ނޫން. ބޯޑުގެ އަމިއްލަ ބިމެއް. ވީމާ، އޭރު އެބިންތައް ވިއްކުމަށް ހުރަހެއް ނެތީކަމަށް ވެދާނެ" ޝަމީމް ވިދާޅުވިއެވެ

މީގެ އިތުރުން ޝަމީމް ވިދާޅުވީ 23 އަހަރުވީ މައްސަލައަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ބުނެ ބިން ވިއްކަން ނިންމި ނިންމުމުގައި، އަމަލުކުރި ވަކި މިންގަނޑެއް ނުވަތަ އުސޫލެއް އާންމުކޮށްފައި ނުވާތީ، މިއީ އެހެން ރައްޔިތުންނާމެދު އިންސާފުވެރިކޮށް ނިންމާފައިވާ ނިންމުމެއްކަން ކަށަވަރުނުވާ ކަމަށެވެ. އިތުރަށް ޝަމީމް ވަނީ މިނިސްޓްރީގެ ނޫސްބަޔާން ރަސްމީ ވެބްސައިޓުގައި ޝާއިއުނުކޮށް، ފޭސްބުކް ފަދަ އަމިއްލަ ޕްލެޓްފޯމެއްގައި އެކަނި އާންމުކުރުމަކީ ދައުލަތުގެ ރަސްމީ މުއާމަލާތްތަކާއި އާކައިވްކުރުމުގެ ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ހައުސިން މިނިސްޓްރީގެ ނޫސްބަޔާން ކިޔުމުން ޖަވާބު ނުލިބޭ ސުވާލުތައް ގިނަކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ ޑިސެމްބަރު، 22 2003 ގައި، ސަރުކާރުގެ ރަސްމީ ލިޔުމަކުން އަހްމަދު ޒާހިރަށް ވިއްކަން ނިންމި ގޯތި، 23 އަހަރުވީއިރުވެސް އެ ނިންމުން ސަރުކާރަށް ތަންފީޒުނުކުރެވުނު ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

އެ ނިންމުމަކީ އޭގެ ޒާތުގައި ރަނގަޅު ނިންމުމެއްނަމަ، 23 އަހަރުވަންދެން އެ ނިންމުން ތަންފީޒުނުވެ އޮތީ ކީއްވެތޯ އާއި މިދިޔަ 23 އަހަރު ތެރޭގައި ތަންފީޒުނުކުރެވި އޮތް ކިތައް ނިންމުން އެބައޮތް ތޯ ސުވާލުކުރެއްވިއެވެ. އަދި މިއީ ހިންގުމުގެ ދާއިރާގެ ކާކުގެ ސަބަބުން ދިމާވި ކަމެއް ތޯ ސާފުކޮށްދިނުމާއެކު އެމީހަކާ ނުވަތަ ބަޔަކާމެދު އެޅި ފިޔަވަޅު ސާފުކޮށްދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ ލިޔުމެއް އޮވެމެ، ކޯޓުތަކުގެ ދޮރުގައި އަހްމަދު ޒާހިރު ޓަކި ނުޖެހި ސަބަބާއި ގުޅޭ ގޮތުންވެސް ވަނީ ސުވާލުކުރައްވާފައެވެ.

އަހްމަދު ޒާހިރަށް 2003 ވަނަ އަހަރު ސަރުކާރުން ދީފައިވާ ލިޔުމަކީ ގާނޫނީ ބާރުލިބިގެންވާ ލިޔުމެއް ކަމަށްވާއިރު، އެ ނިންމުން ތަންފީޒުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ގާބޫލުކުރެވުނު ނަމަވެސް، އިދާރީ އަދި ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް މިކަން ކުރުމުން އޭނާގެ ހައްގުތަކަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ.