ހެނދުނު 8 ޖަހާއިރު ހޭލައިގެން، ސްކޫލަށް ދާން ބޭނުންވެގެން އުޅުނީ އުމުރުން އެންމެ 6 އަހަރުގެ ޕްރަނޭ ތޭޖްއެވެ. އޭނާގެ ބައްޕަ އެންޑީޓީވީއަށް ކިޔައިދިން ގޮތުގައި، އެ ދުވަހުގެ ހެނދުނު ޕްރަނޭ ހުރީ ވަރަށް ސިއްހަތު ރަނގަޅަށެވެ. އަދި ސްކޫލަށް ދިއުމަށް އޭނާ ވަރަށް ބޮޑަށް ބޭނުންވިއެވެ. ނަމަވެސް، އެ އުފާވެރި ހެނދުނު ނިމިގެން ދިޔައީ މުޅި އާއިލާއަށާއި މުޅި ގައުމަށް ވެސް ފުން ހިތާމައެއް ގެނުވަމުންނެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވިސާކަޕަޓްނަމްގައި ހުންނަ ސްކޫލެއްގެ ކިލާހެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި، މުދައްރިސަކު ޕްރަނޭއަށް ދިމާލަށް ވަރަށް ބޮޑަށް ހަޅޭއްލަވާ އޭނާގެ މޫނުމަތީގައި ޖެހުމާއި ގުޅިގެން އޭނާ ވަނީ ވެއްޓި މަރުވެފައެވެ. ޕްރަނޭ ހޯމްވޯކް ހަދާފައިނުވާކަމަށް ބުނެ މުދައްރިސު އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާއިރު މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.

އިންޑިއާގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ގޮތް ވަނީ ސްކޫލުގެ ސެކިއުރިޓީ ކެމެރާއަކަށް ރެކޯޑުކުރެވިފައެވެ. ބުރާސްފަތި ދުވަހު މީޑިއާތަކުގައި އާންމުވި މި ވީޑިއޯއިން ފެންނަ ގޮތުގައި، އަންހެން މުދައްރިސަކު ޕްރަނޭގެ ހެދުމުގައި ހިފެހެއްޓުމަށްފަހު އޭނާގެ މޫނުމަތީގައި ޖަހައެވެ. އަދި އޭގެ ވަގުތުކޮޅެއް ފަހުން ކުއްޖާ ވެއްޓޭ މަންޒަރު ފެނެއެވެ. އަދި ކުއްޖާ ނަގައިގެން ދާ މަންޒަރުވެސް ފެންނައިރު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

މި މަންޒަރުތަކާއެކު، އިންޑިއާގެ ސްކޫލްތަކުގައި ކުދިންނަށް ޖިސްމާނީ އަދަބު ދިނުމާ ގުޅޭގޮތުން މުޅި ގައުމުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންސްޕެކްޓަރު ޕޫޑީ ވަރާ ޕްރަސާދު ބުނީ ކުއްޖާގެ ބައްޕަ ހުށަހެޅި ލިޔުމަކާ ގުޅިގެން ބީއެންއެސްއެސްގެ 194 ވަނަ މާއްދާގެ ދަށުން މައްސަލައެއް ރަޖިސްޓްރީކޮށް ފުލުހުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޕޯސްޓްމޯޓަމްގެ ކަންކަން ނިންމުމަށްފަހު ކުއްޖާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާކަމަށާއި އަދި މަރުވި އަސްލު ސަބަބު ޔަގީންކުރެވޭނީ ކަމާގުޅޭ ހުރިހާ ރިޕޯޓުތަކެއް ލިބުމުން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އަންދްރަ ޕްރަދޭޝްގެ އެޑިއުކޭޝަން އަދި އައިޓީ މިނިސްޓަރު ނާރާ ލޯކޭޝް ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާއި ސްކޫލުގެ މެނޭޖްމަންޓާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އަދި ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކޭޝް ވިދާޅުވީ، ބައްޕައެއްގެ ހައިސިއްޔަތުން ޕްރަނޭއަށް ދިމާވި ކަންތައް ގަބޫލުކުރަން ދަތި ކަމަށާއި، އާއިލާއަށް ލިބެމުންދާނެ ވޭން އިހުސާސްކުރެއްވޭ ކަމަށެވެ.

ސްކޫލްތަކުގައި ޖިސްމާނީ އަދަބު ދިނުމަށް ޖާގައެއް ނެތް ކަމަށާއި، އަހުލާގު ރަނގަޅުކުރުމުގެ ނަމުގައި އެއްވެސް ކުއްޖަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި ޒިންމާވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގައި ކުދިންނަށް ޖިސްމާނީ އަދަބު ދިނުމަކީ ރަސްމީކޮށް މަނާ ކަމެއް ނަމަވެސް، މިއީ އަދިވެސް އާންމުކޮށް ހިނގާ ކަމެކެވެ. އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަގްރަސާރުން 2018 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އާމްދަނީ މަދު އާއިލާތަކުގެ ސްކޫލް ކުދިންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ ކުދިންނަށް މުދައްރިސުންގެ ފަރާތުން ޖިސްމާނީ އަދަބު ލިބެއެވެ. ޕްރަނޭގެ މަރާއެކު މި މައްސަލައިގެ ސީރިއަސްކަން އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ.