ސިފައިންނާއި ފުލުހުންގެ ވެލްފެއާ ހިދުމަތްތައް ރަނގަޅުކޮށް، އެ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ސިފައިންގެ ދުވަހު އިއުލާންކުރެއްވި މި މަޝްރޫއަކީ، ސިފައިންގެ ހިދުމަތް ފުޅާވެ، ބޯހިޔާވަހިކަމަށް އެދޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މިހާރު ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ބަނޑޭރިކޮށި އަލުން ތަރައްގީކޮށް، ހިދުމަތުގެ މުއްދަތުގައި ގިނަ އަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް ދިރިއުޅެވޭނެ ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަޝްރޫއު ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާނީ ބަނޑޭރިކޮށި 1 ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެތަން ހުސްކުރުމުގެ ކުރިން، މިހާރު އެތަނުގައި ދިރިއުޅޭ ސިފައިންނާއި ފުލުހުންނަށް މަޝްރޫއުގެ މައުލޫމާތު ހިއްސާކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ ބަނޑޭރިކޮށި 1 ތަރައްގީކޮށް ނިމުމުން، މިހާރު އެތަނުގައި ދިރިއުޅޭ މީހުން އަލަށް އިމާރާތްކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރެވޭނެކަމަށާއި، މި މަޝްރޫއު ނިމޭއިރު، މިހާރު ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ހިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ވެސް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްފަދައިން ވަސީލަތްތައް ފުރިހަމަވެފައިވާ އުސޫލުން ރައްޔިތުންނަށް ސިފައިންގެ ހިދުމަތް ފޯރުކޮށްދިނުމެވެ.