ރާއްޖޭގެ އެކި އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓްގެ ހާއްސަ ލިންކުން ނުވަތަ "އައިކިއު އެއާ ވިޝުއަލް" އެޕްލިކޭޝަން މެދުވެރިކޮށް އެ ސަރަހައްދެއްގެ ވައިގެ ސާފުމިންވަރު އާންމުންނަށް ބަލައިލެވޭނެކަމަށެވެ.
އެގޮތުން ށ. ފުނަދޫގައި ވައިގެ ނުރައްކާތެރި މިންވަރު ނުވަތަ (އޭކިއުއައި)ގެ މިންވަރު 158 ގައި ހުރި އިރު ހދ. ކުޅުދުއްފުށީގައި މި އަދަދުހުރީ 165 ގައެވެ. އެޗްޕީއޭއިން ބުނީ މި އޭކިއުއައި 151-200 އާ ދެމެދުގެ ރޭންޖެއްގައި ހުރުމަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް ބޮޑު ރޭންޖެއްކަމަށެވެ.
މީގެއިތުރުން ކ. މާލޭގައި މި އަދަދު ހުރީ 127 ގައެވެ. އެޗްޕީއޭއިން ބުނީ މި ލެވެލްގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.
މިވަގުތު ވައިގެ ކޮލިޓީ އެންމެ ރަނގަޅު އަދި ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް ދައްކަނީ ފުއްވަމުލައް އަދި އައްޑޫ ސިޓީގައެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބޭރުތެރޭގައި އުޅޭއިރު، ހާއްސަކޮށް ޕީއެމް2.5 ފިލްޓަރުކޮށްދޭ މާސްކެއް ބޭނުންކުރުމަށާއި، ކަސްރަތު ކުރުމާއި ބޭރުގައި ގިނައިރު އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
ދުންފުހުގެ އަސަރު ބޮޑަށް ހުންނަ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ނޭވާހިއްލުން އަދި އަރިދަފުސް ރޯގާ ހުންނަ މީހުން ބޭސް ގަވާއިދުން ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
