ހއ. ބާރަށުގައި ޖެޓީއާއި ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއީލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 116,913,546.72 ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 540 ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ހއ. ބާރަށުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނެރު ފުންކުރުން، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުން، ނެރުފައިކަށި ގާއިމުކުރުން، އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ރޭމްޕް ގާއިމުކުރުމާއި، ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ. ބަނދަރުގެ ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓާ ގާއިމުކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. ބަނދަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މޫރިން ބޯއީ ހަރުކުރުމާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއަކީ ހއ. ބާރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކޮށް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ އިން ބުނެއެވެ.
