ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން، އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކުރުމަށް މިއަދު ފާސްކޮށްފިއެވެ. މި ނިންމުމާއެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމްލަ މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާ އެއްވަރުވާނެއެވެ.

މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމުގެ މަގްސަދަކީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސްގެ މުސާރައާ އެއްވަރުކުރުން ކަމަށް މެންބަރު މަމްދޫހު ވިދާޅުވިއެވެ. މިގޮތުން، ހާއްސަ އެލަވަންސެއްގެ ގޮތުގައި އިތުރު 4125 ރުފިޔާ ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވުމާ އެކު، ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކުރައްވާފައިވެއެވެ.

ޝަރުއީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް މިދިޔަ އަހަރު ގެނައި ބަދަލުތަކަށް ފަހު، މިހާރު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91,000 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,125 ރުފިޔާއަށް އިތުރުކުރުމުގެ ނިންމުމެއް މާލިއްޔަތު ކޮމިޓީން ފާސްކުރީ ދާދި އިހަކަށް ދުވަހުއެވެ. މިއަދު ފާސްކުރި 4125 ރުފިޔާގެ އިތުރު އެލަވަންސާއެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމްލަ މުސާރައާއި އިނާޔަތްތައް 95,125 ރުފިޔާއަށް އަރާނެއެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނަށް ލިބިވަޑައިގަންނަވާ މުސާރައަށް ވެސް ބަދަލު ގެނެސްފައެވެ.