ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީއަށް އައި ބޮޑު ކުރިއެރުމާއެކު، މިއަހަރުގެ އޮގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 ޕަސެންޓް އިތުރުވެފައެވެ. އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 ޕަސެންޓް މައްޗަށް ގޮސްފައެވެ.
ޓެކްސް އާމްދަނީގެ ކުރިއެރުން:
- ކޯޕަރޭޓް އިންކަމް ޓެކްސް: މި މުއްދަތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ޕަސެންޓްއިގެ ކުރިއެރުމެކެވެ.
- ޖީޖީއެސްޓީ: މި ބައިން ލިބުނު އާމްދަނީ ވަނީ 10.4 ޕަސެންޓް އިތުރުވެ، 3.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 323.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
- ޓީޖީއެސްޓީ: ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓެކްސްގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
- ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: ޖުމްލަ އާމްދަނީ ވަނީ 18.5 ޕަސެންޓް އިތުރުވެ 5.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ އިތުރުން އިމްޕޯޓް ޑިއުޓީއާއި، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު 454.8 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައްވެސް ދަނީ ބަރާބަރަށް އަދާކުރަމުންނެވެ. އެގޮތުން ބޭރުގެ ލޯނުތައް އަދާކުރުމަށް މިހާތަނަށް 9.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 146.0 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 23.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ސަބްސިޑީއަށް ކުރި ހޭދަ 75.7 ޕަސެންޓް އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އުމްރާނީ ތަރައްޤީއަށް ކުރާ ކެޕިޓަލް ހަރަދުވެސް ވަނީ 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
އޮގަސްޓް 6 ގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ހުރި ނަމަވެސް، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
