މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް ފެންބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން އެ ތަނުގައި މައްޔިތުން ވަޅުލުން މިވަގުތަށް މެދުކަނޑާލުމަށް ފަހު، މައްޔިތުން ވަޅުލުމުގެ ކަންކަން މިހާރު މާލޭ އާސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. މީގެ ކުރިންވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހިފައިވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ވިއްސާރައިގައި މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި، މަގުތަކުގައާއި ގޭގޭގައި ފެންބޮޑުވެ އާންމުންގެ މުދަލަށާއި ގެދޮރަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރަށްތަކަށާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ފެން ހިންދުމާއި، ވެލިބަސްތާ ޖެހުމުގެ އިތުރުން ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.