ހދ. ކުޅުދުއްފުށީ ބަނދަރުގައި އޮތް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ލޯންޗެއް އަޑިއަށް ދާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތުން އެ ސަރަހައްދަށް ގޮސްފައެވެ. އަދި ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ފަޔާމަނުން ކުރި މަސައްކަތުން، ދިޔަވުން އެއްކޮށް ކޮންޓްރޯލް ކުރެވުނީ 07:50 ހާއިރު ކަމަށް ވެސް ބުންޏެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، އޭގެ ސައިލެންސަރަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ސަރުކާރުން ކުރިއަށްގެންދާ އާރުޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައި ކަމަށާއި، އުތުރުގެ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް ހދ. ކުޅުދުއްފުށި މައި މަރުކަޒަކަށް ބަލައިގެން ހއ. އަތޮޅުގައި މި ހިދުމަތް ފެށީ ޖޫން 26، 2022 ގައި ކަމަށް އެޑިޝަން ނޫހުން ރިޕޯޓުކޮށްފައި ވެއެވެ. އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރަށްތަކުގެ ދެމެދުގައި އަގުހެޔޮކޮށް ދަތުރުފަތުރު ކުރެވޭ މި ނިޒާމުގެ ދަށުން 35 އުޅަނދު ދަނީ ބޭނުން ކުރަމުންނެވެ. އަދި މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމަށްޓަކައި އިތުރު 14 އުޅަނދު ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
