ކުރީ ސަރުކާރުން ސިއްހީ ދާއިރާގެ އެކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓަރުންނަށް ދޫކުރި ފައިސާގެ ތެރެއިން 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާތީ، އެ ފައިސާ ގާނޫނީ ގޮތުން އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރައްވަމުން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ކުރީ ސަރުކާރުން ސިއްހީ ދާއިރާގެ އެކި މަޝްރޫއުތައް ހިންގުމަށް ހަވާލު ކުރި ނަމަވެސް މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 16 މަޝްރޫއެއްގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުތަކަކީ އެޑްވާންސް ފައިސާ ދޫކޮށްފައިވީ ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ހުރި މަޝްރޫއުތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ނުފެށި މަޝްރޫއުތައް ބާތިލު ކުރަން ޖެހުމުން 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވާކަމަށާއި، މިހާރު މަސައްކަތް ކުރަނީ އެ ފައިސާ ހޯދުމަށް ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްކަމަށެވެ.

ކުރީ ސަރުކާރުގެ އިސްރާފަށް ރިއާޔަތް ކުރައްވާ. މިނިސްޓަރު ގީލާ ވިދާޅުވީ، މިސަރުކާރުން މަސައްކަތް ކުރާނީ މަޝްރޫއުތަކަށް ކުރިއަށްގެންދިއުމަށް ބޭނުންވާ ބަޖެޓު ކަށަވަރުކުރުމަށްފަހު އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުތައް މަރާމާތުކުރުމާއި ލެބޯޓްރީގެ ހިދުމަތް ފުޅާކުރުން ހިމެނެއެވެ.

ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ބޮޑު ޕަސެންޓަކީ އަދިވެސް ބިދޭސީން ކަމަށެވެ. މި ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ގައުމީ ޔުނިވާސިޓީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނަރުހުން ފަދަ ވަކި ދާއިރާތަކަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާތަކަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.