ނިމިދިޔަ ސަރުކާރުގައި ސިއްހީ ދާއިރާގެ އެކި މަޝްރޫއުތަކަށް ކަނޑައެޅި ފައިސާ އެ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކޮށްފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓާ އޮފް ހެލްތް، ފެމިލީ އެންވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޝުޖާއު ވަނީ މަޖިލީހުން ބަޖެޓު ދީފައި އޮއްވައި، އެމްޑީޕީގެ ވެރިކަމުގައި ފަސް އަހަރު ވަންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތްލެބް ބަންދުކޮށްފައި ހުރި މައްސަލައާއި، އާސަންދަ ކުންފުނީގެ އިމާރާތެއް އެޅުމަށް އެޑްވާންސްގެ ގޮތުގައި ދިން 45 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ގީލާ ވިދާޅުވީ، ސިއްހީ ދާއިރާގެ ވަރަށް ގިނަ ހިދުމަތްތަކަށް ކަނޑައެޅި ފައިސާ ވަރަށް ނަހަމަ ގޮތުގައި ބޭނުންކުރެވިފައި ހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މެންބަރު ފާހަގަކުރެއްވި ކަންކަމުގެ އިތުރުން ވެންޓިލޭޓަރުގެ މައްސަލައަކީ ވެސް ގިނަ އަދަދެއްގެ ފައިސާއަށް ވީގޮތެއް ނޭނގި ހުރި ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދައުލަތަށް ގެއްލިފައިވާ ކޮންމެ ފައިސާއެއް ވެސް އެއީ، އަލުން ހޯދުމަށްޓަކައި ދައުލަތުގެ ނިޒާމުގެ ތެރެއިން އެ މަސައްކަތް ކުރެވެމުންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ގީލާ އިތުރަށް ވިދާޅުވީ، މި ފައިސާއަކީ އެކަމަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވައިގެން ހޯދަންޖެހޭ ފައިސާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
