ހއ. މޮޅަދޫގައި ތަރައްގީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިފައިވާކަން އެމްޓީސީސީން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ރަސްމީ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރި މަޝްރޫއުގެ އަޕްޑޭޓުގައެވެ.

ހއ. މޮޅަދޫގެ ވޮލީ ކޯޓު މަޝްރޫއަކީ ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ މަޝްރޫއުތަކުގެ ތެރެއިން ހިންގުނު މަޝްރޫއެކެވެ.

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުންތަކުގެ ދަށުން ހއ. މޮޅަދޫގައި ވޮލީ ކޯޓެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް ހިމެނިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މޮޅަދޫގައި ގާއިމުކުރެވުނު މި ވޮލީ ކޯޓާއެކު، އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ވޮލީބޯޅަ ކުޅުމަށާއި ތަމްރީނުތައް ހެދުމަށް އިތުރަށް ފަހި، ޒަމާނީ މާހައުލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.