ދިވެހިރާއްޖޭގައި ތެލަސީމިއާ ކެރިއަރުން ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ބަދަލަކީ ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާއާ ގުޅުންހުރި ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، ލޭގެ ބަލިތަކަށް ހާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ.

މި ހިދުމަތް ރަސްމީކޮށް ފެށުމާއެކު، މީގެކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި ދޫކުރާނީ ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ 7 ބާވަތެއްގެ ސިފަ (ޓްރެއިޓް) ހިމެނޭ ޒަމާނީ ޑިޖިޓަލް ކާޑެކެވެ.

މި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށް ހާއްސަ ކިޔުއާރް ކޯޑެއް ހިމަނާފައިވާއިރު، އެ ކޯޑު މެދުވެރިކޮށް ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިވަގުތު މި ޑިޖިޓަލް ކާޑު ލިބެމުންދާނީ އީ-މެއިލް އަދި ވަޓްސްއެޕް މެދުވެރިކޮށެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ގާއިމުކޮށްފައިވާ ސްކްރީނިންގް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ ސިއްހީ މަރުކަޒެއްގައި ތެލަސީމިއާގެ އެކި ތަހުލީލުތައް ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، މި އަހަރުގެ ފެބުރުވަރީ 8 އިން ފެށިގެން ވަނީ ހިދުމަތް ދޭން ފަށާފައެވެ. ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ލޭގައި ހިމެނޭ ހީމޮގްލޯބިންގެ ގިނަ އަދަދެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ މި ޑީއެންއޭ ތަހުލީލުގެ ހިދުމަތަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސާވިސަސް މެދުވެރިކޮށް ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ.

މި މަސައްކަތްތަކަކީ ތެލަސީމިއާ ސްކްރީން ކުރުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.