ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިއީ ތައިލެންޑުން ވައިގެ މަގުން ގެނައި އެއާ ކާގޯ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 3.51 ކިލޯގްރާމްގެ ކެނަބިސްއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްމާއިލް ނަސީރު އަދި މުހައްމަދު ޒިޔާދު ނަމަކަށް ކިޔާ ދެ މީހުންނެވެ.

މި ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެ ތަކެއްޗާ ހަވާލުވާން ދިއުމާއެކުއެވެ. އެ ތަކެތި އަތުލައިގެންފައިވަނީ ކަސްޓަމްސުން ރޭގެ ވަގުތެއްގައެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ތިން ލަގެޖެއްގެ ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މި ދެ މީހުން އައީ ސައިކަލެއްގައެވެ. އޭގެ ތެރެއިން އެއް ލަގެޖު ހިފައިގެން އިސްމާއިލް ނަސީރު ދިޔުމުން އޭނާ ހައްޔަރުކުރިއިރު، އެ ވަގުތު މުހައްމަދު ޒިޔާދު ދުރުގައި ބަލަހައްޓައިގެން ހުރިކަން ފާހަގަކުރެވިގެން އޭނާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ހައްޔަރުކުރި ދެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

ނަމަވެސް އެ ތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދެ މީހުންގެ ފަރާތުން ވެސް ކޯޓުގައި ބުނެފައިވެއެވެ. އެގޮތުން ޒިޔާދުގެ ފަރާތުން ކޯޓުގައި ބުނީ، އެ ފޮށިގަނޑުގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށާއި، އިސްމާއިލް ސައިކަލުގައި ގެންގޮސްދިނީ އޭނާ އެދުމުގެ މަތިން ކަމަށެވެ.

މި މައްސަލައިގައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.