ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ބާއްވާ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރްއޯއެސްސީ)" ގެ އޭވިއޭޝަން ތަޖުރިބާކާރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދުން ފެށިގެން މި މަހުގެ 25 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންގެ އިތުރުން 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް، މުހައްމަދު މަންސޫރެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި، ސަރަހައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ އަގުހުރި ފުރުސަތެކެވެ. މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތައާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބަލައިލުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ހިންގަމުން އަންނަ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ބަލައިލުމުގެ ފުރުސަތު ލިބި، ދިވެހިރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް އަމަލީ ގޮތުން ފެނިގެންދާނެއެވެ.
ސަރަޙައްދީ ފެންވަރުގެ މިފަދަ މުހިންމު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ އެމްއޭސީއެލްގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބިގެންދިޔަ ބޮޑު ޝަރަފަކާއި ފަހުރެކެވެ. މިކަމުން ދޭހަކޮށްދެނީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ މިންވަރާއި، ސަރަހައްދީ އެއްބާރުލުން ވަރުގަދަކޮށް، އައު ވިސްނުންތައް ކުރިއަރުވައި، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ ހާއްސަ އަހައްމިއްޔަތުކަމެވެ.
