ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ކައިރީގައިވާ ފަޅަކަށް ގާކުނޑި އާއި ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ކުނި އަޅައި، އެ ސަރަހައްދު ކުނިގޮނޑަކަށް ހަދަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ޚިލާފަށް ވެމްކޯ އިން އަމަލުކުރަމުންދާ ކަމަށެވެ. އަދި އެ ފަޅު ކުއްޔަށް ދީފައިވަނީ ކޮން ފަރާތަކަށް ކަމެއް ނުވަތަ އެ ތަނަށް ކުނި އެޅުމުގެ ހުއްދަ ދިނީ ކޮން އިދާރާއަކުން ކަން އެނގެން ނެތް އިރު، އެއްވެސް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް (އީއައިއޭ) ހަދާފައި ނުވާ ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ.

މީގެ އިތުރުން، މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައިވީ ނަމަވެސް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އަދި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ފަދަ މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނާޅައި ހަނުތިބޭ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

އެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ މަގެއް ކަމުން، އޮޔާދާ ކޮންސްޓްރަކްޝަން ކުންޏާއި ލަކުޑީގެ ސަބަބުން ކަނޑުދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން، އެ ފަޅަށް ކުނި އެޅުން ވަގުތުން ހުއްޓުވައި، މިނިވަން އިންސްޕެކްޝަނެއް ހަދައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ވެމްކޯގެ އަމިއްލަ ހަރަދުގައި އެ ތަނުން ކުނި ނަގައި ފަޅު ކުރީގެ ހާލަތަށް ރުޖޫއަކުރުމަށާއި، ގާނޫނާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ކަމާބެހޭ ފަރާތްތަކާއި މިނިސްޓަރު ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ކ. ރަސްފަރި ސަރަހައްދަކީ ގުދުރަތީ ގޮތުން ނާޒުކު އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ މުހިންމު ސަރަހައްދެކެވެ. މީގެ ކުރިން 2021 ވަނަ އަހަރު ބޭރުގެ ބޯޓެއް ރަސްފަރި ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ބޮޑު ޖޫރިމަނާއެއް ކަނޑައަޅައި، އެ ފަރު އިޔާދަކުރުމުގެ މަސައްކަތްތަކެއްވެސް ވަނީ ހިންގާފައެވެ.