އުނިހިޔާގެ ތިންވަނަ ފަންގިފިލާގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 15:12 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެއެވެ.
ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން، 16:19 ހާއިރު ކަމަށް ވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި ތިންވަނަ ފަންގިފިލާގެ އިތުރުން، އެ ގޭގެ ހަތަރުވަނަ އަދި ފަސްވަނަ ފަންގިފިލާއަށް ވެސް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ މެދުވެރިވާން ދިމާވި މައިގަނޑު ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފައިވަނީ ކަރަންޓު ޝޯޓެއް ވުމުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
